މީގެ ދެއަހަރު ކުރިން މަރާލި ހއ. ތަކަންދޫ/އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް ގެ މަރުގެ މައްސަލައިގައި ދައުވާކުރާ ދެ މީހެއްގެ ބަންދަށް ލުޔެއް ނުދޭން މިއަދު ނިންމައިފިއެވެ.
ނަދީމް މަރާލީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހަވީރު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބޮލަށް ވަޅިއެއް ހަރައިގެންނެވެ.
މިމައްސަލައިގައި އެންމެ ފުރަތަމަ ދައުވާ ކޮށްފައިވަނީ ފަސް މީހުންނަށެވެ. ނަމަވެސް އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ވެސް ހިމެނޭތީ، އޭނާގެ މައްސަލަ ނުބެލޭނެ ކަމަށް މީގެ ކުރިން ޖުވެނައިލް ކޯޓުން ވަނީ ނިންމާފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގޮސްފައިވަނީ ބާކީ ތިބި ހަތަރު މީހުންގެ މައްސައެވެ. އެއީ މުޙައްމަދު މަފާޒު ޙުސެއިން ސަލީމް، ގ. ޝާނާޒް، އަލީ ނިފާޒު، ވިދާތަރި، ލ. ގަން، ޙުސެެއިން ޝާމިން، ސަމަންތާ، ރ. އިންނަމާދޫ އަދި މުޙައްމަދު ކަރަމް ސުހެއިލް، ހަވާސް، ގއ. ގެމަނަފުށި، އެވެ.
މިހަތަރު މީހުންގެ މައްސަލަ އެއްކޮށް ކުރިއަށް ގެންގޮސްފައިވާއިރު، އެމައްސަލަ މިހާރު ބައްލަވަނީ ގާޒީ ޙުސެއިން ފާއިޒް ރަޝާދު އެވެ.
ނަދީމް މަރާލި މައްސަލައިގައި ކުރިން ބޭއްވި އަޑުއެހުމުގައި ބަންދަށް ލުޔެއް ދޭން އެދިފައިވަނީ މަފާޒް އާއި ޝާމިން އެވެ. އެދެމީހުން ބަންދުން ދޫކޮށްލަން އެދިފައިވަނީ މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން، އެމީހުންގެ ބޯ ބާލާފައިވާ ކަމަށް ބުނެއެވެ. އެދެމީހުންގެ ފަރާތުން ވަކާލާތު ކޮށްފައިވަނީ ބޯ ބޭލުމަކީ އެންޓި ޓޯޗާ ޤާނޫނާއި ޚިލާފަށް ދީފައިވާ އަނިޔާއެއް ކަމަށް ބުނެއެވެ.
ނަމަވެސް ޖަލުގެ ޤަވާއިދުތަކާ ހަވާލާދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޖަލު ބަންދުގައި ތިބޭ މީހުން ބޯ ކޮށަށް ޤަވާއިދުގައި ވަނީ ދެ ސެންޓިމީޓަރަށްވުރެ ދިގު ނޫން ވަރަކަށް ކަމަށާއި އެދެމީހުންގެ ބޯ ކޮށާފައިވަނީ އެޤަވާއިދުގައިވާ ގޮތަށް ކަމަށެވެ. އަދި އެމީހުންގެ ބޯބާލާފައިނުވާ ކަމަށާއި، ބޯ ކުރުކޮށް ކޮށީ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
ބޯ ކޮށުން ފިޔަވާ މަފާޒް އާއި ޝާމިން އަށް ލިބުނު އަނިޔާގެ ވާހަކަތަކެއް ދިފާއުން ދައްކާފައިނުވާ ކަމަށާއި އެފަދަ އަނިޔާއެއްގެ ހެއްކު=ެއްވެސް ދައްކާފައި ނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ވަކީލުން ދެއްކެވި އެންމެހާ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ ފާއިޒް ނިންމެވީ ދެ މީހުންނަށްވެސް ބަންދުގެ ލުއި ނުދިނުމަށެވެ.
އަޑުއެހުން ނިންމާލައްވަމުން ފާއިޒު ވިދާޅުވީ، ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. މަފާޒު އާއި ނިފާޒުއަށް އާ ވަކީލުން ހަމަޖައްސަން ފަސް ދުވަހުގެ މުއްދަތެއްވެސް ގާޒީ ދެއްވި އެވެ.