ކުންފުނީގެ އެމްޑީ ބަދަލުކުރަން ފާސްކުރި ޤަރާރުގަ އަހްމަދު ޝަރީފް ސޮއިކުރި: ޑަބްލިޔޫއެލްޓީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 57ސ
ކުންފުނީގެ އެމްޑީ ބަދަލުކުރަން ފާސްކުރި ޤަރާރުގަ އަހްމަދު ޝަރީފް ސޮއިކުރި: ޑަބްލިޔޫއެލްޓީ

އަހްމަދު ޝަރީފް (ސައިރިކްސް ޝަރީފް) އަކީ ވޯލްޑް ލިންކް ޓްރެވަލް (ޑަބްލިޔު.އެލް.ޓީ) ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ނޫން ކަމަށާއި ޑަބްލިޔޫއެލްޓީ ކުންފުނީގެ އެމްޑީ ބަދަލުކުރަން ފާސްކުރި ޤަރާރުގަ އަހްމަދު ޝަރީފް ސޮއިކޮށްފައިވާކަމަށް ޑަބްލިޔޫއެލްޓީ އިން ބުނެފިއެވެ.

ޑަބްލިޔު.އެލް.ޓީ ޕްރައިވެޓް ލިމިޓެޑުން މިހެން ބުނެފައިވަނީ އެކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

ޑަބްލިޔު.އެލް.ޓީ އިން ބުނެފައިވަނީ  އަހްމަދު ޝަރީފް (ސައިރިކްސް ޝަރީފް) އަކީ މިހާރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނޫން ކަމަށާއި އޭނާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ 11 ޑިސެމްބަރު 2013 އާ ހަމައަށް ކަމަށެވެ. އެދުވަހު ބޭއްވި އެކުންފުނީގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކަޓަރުގެ މަގާމަށް ފާތިމަތު ތަސްލީމާ އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އަހްމަދު ޝަރީފް ބައިވެރިވެވަޑައިގެން ފާސްކުރެވުނު ގަރާރުގައި ސޮއިވެސް ކުރައްވާފައިވާ ކަމަށެވެ. އަދި ޑަބްލިޔުއެލްޓީގައި އޮތް އަހްމަދު ޝަރީފާއި އޭނާގެ އަންހެނުންގެ 90 ހިއްސާގެ ފައިސާއަށް ލިބެންޖެހޭ ހުރިހާ ފައިސާ 30 ސެޕްޓެމްބަރު 2007 ގައި އަހްމަދު ޝަރީފަށް ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. 

ޑަބްލިއުއެލްޓީން ބުނީ، ސުޕްރީމް ކޯޓުން މިދިޔަ މާޗް 28 ގައި ކުރި ހުކުމާ ގުޅިގެން، ދައުލަތުން އެ ކުންފުންޏަށް ދޫކޮށްފައި ވަނީ އެޑްވާންސް ކުލީގެ ގޮތުގައި ދައުލަތަށް ކުރިން ދައްކާފައިވާ 16.9 މިލިއަން ޑޮލަރުގެ ތެރެއިން 15 މިލިއަން ޑޮލަރު ކަމަށެވެ. މި ފައިސާގެ ތެރެއިން 30 ޖޫން 2019 ގެ ނިޔަލަށް ވިލާގެ ބައެއް ކުުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް އުނިކޮށްފައި ވަނީ، މި ކުންފުނީގެ އެދުމުގެ މަތިން ކަމަށެވެ.

އެޑްވާންސް ކުލީގެ ގޮތުގައި ދައުލަތަށް ދެއްކި 16.9 މިލިއަން ޑޮލަރަކީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޑަބްލިޔުއެލްޓީއާއެކު 30 ސެޕްޓެމްބަރު 2007 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން އަނބުރާ ދައްކާގޮތަށް އެކުންފުނިން ނަގާފައިވާ ފައިސާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުން 19 އޮކްޓޯބަރު 2014 ގައި ކުންފުނީގެ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި އަހްމަދު ޝަރީފް ހިމެނޭގޮތަށް ބޭއްވި ކުންފުނީގެ ބޯޑު ޖަލްސާއިން ނިންމާފައިވަނީ، ކުންފުނީގެ އެޑްވާންސް ފައިސާ ދައްކާފައިވާ ތިން ރަށާ ގުޅިގެން ކުންފުންޏަށް ލިބިދޭ އެންމެހާ ހައްގުތައް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްލުމަށް ކަމަށެވެ. 

ޑަބްލިޔުއެލްޓީ އިން މިބަޔާން ނެރުނީ ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު، އެ ރަށްތައް ސަރުކާރުން ހަވާލު ނުކުރި މައްސަލައިގައި، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ކުންފުންޏަށް ދައުލަތުން ފައިސާ ދެއްކުމަށް އެއްބަސްވުމަކަށް އައީ ޑަބްލިއުއެލްޓީ އަށް އެނގުމަކާ ނުލައި ކަމަށް ޝަރީފް މީޑިއާގައި މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

ޝަރީފްގެ ވާހަކަތަކާ ގުޅިގެން، ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެފައިވަނީ ޑަބްލިއުއެލްޓީ އަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން ވިލާ ޝިޕިންގެ ޓެކްސް އާއި ޖޫރިމަނާ ފައިސާ އުނިކުރީ އެގޮތަށް ކަނޑައެޅުމާމެދު އިއުތިރާޒެއް ނުކުރާ ކަމަށް ޑަބްލިއުއެލްޓީގެ ޑިރެކްޓަރުންގެ ބޯޑުން ގަރާރެއް ފާސްކޮށް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައިވާތީ ކަމަށެވެ.

މިއަދު އޮންލައިން