ވިލާ ޓްރެވަލްސް އިން ގަންނަ ޓިކެޓެއް ރިފަންޑްކުރަން ބޭނުންވެގެން ހުށަހަޅައިފިނަމަ 2 ދުވަސް ތެރޭގައި ރިފަންޑްކޮށްދެމުން ގެންދާ ކަމަށް ވިލާ ޓްރެވަލްސް އިން ބުނެފިއެވެ.
ވިލާ ޓްރެވަލްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވިލާ ޓްރެވަލްސް އިން ވިއްކާ މޯލްޑިވިއަންގެ ޓިކެޓް ރިފަންޑުކުރަން އެދުމުން ސިސްޓަމުން މައުލޫމާތު ޗެކް ނުކުރެވެނީ ވަރަށް މަދު ފަހަރަކު ކަމަށެވެ. "އެފަދަ މައްސލައެއް ދިމާވަނީ ހަމަ ދެ ތިން މަހުން އެއް ފަހަރު. ދެން މައުލޫމާތު ސާފުކުރަން އެދުނީމާ މޯލްޑިވިއަނަށްވެސް ހަމަ ދަތިތައް ކުރިމަތިވާތީ ކްލިއަރެންސް ލިބުން ލަސްވަނީ."
އޮފިޝަލް ވިދާޅުވީ މައުލޫމާތު ނުފެނުމުގެ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަން ބަލައި ދިނުމަށް މޯލްޑިވިއަންގައި އެދޭ ކަމަށެވެ. އަދި ބަލައިދިނުމަށްފަހު ކްލިއަރަންސް ދިނުމުން 2 ދުވަސްތެރޭގައި ފައިސާ ދޫކުރަމުން ގެންދާ ކަމަށެވެ. "ރިފަންޑަށް އެދުމުން 2 ދުވަސް ތެރޭ އަޅުގަނޑުމެން ރިފަންޑް ދޫކުރާތާ ކިތަންމެ ދުވަހެއް. 2 ދުވަސް ވެސް ނަގަނީ ރިފަންޑް ދޫކުރަން ފުރިހަމަކުރަން ޖެހޭ ޕްރިސީޖިއަރސްތައް ފުރިހަމަކުރަން ޖެހޭތީ."