ގާނޫނީ ފަންނުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ ރައީސް ކަމަށް ގާނޫނީ ވަކީލް މައުމޫން ހަމީދު އަދި ނައިބު ރައީސަކަށް ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު އިންތިހާބުވެއްޖެއެވެ.
މި އިންތިޚާބުގައި މައުމޫން ވާދަ ކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދުއެވެ، އަދި މުއިއްޒު އާއި ވާދަކުރައްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއެވެ.
މިހާތަނަށް ގުނި ވޯޓުން މައުމޫން ހަމީދަށް 267 ވޯޓު ލިބިވަޑައިގެންފައިވާއިރު ސުއޫދަށް ލިބިވަޑައިގަތީ 196 ވޯޓެވެ.
ރާއްޖޭގެ 1،600 ވަކީލުންގެ މެދުގައި އިންތިޚާބު ބޭއްވީ މާލެ އާއި އައްޑޫގަ އެވެ. އެއީ މާލޭގައި ދެ ފޮއްޓާއި އައްޑޫގައި ފޮއްޓެކެވެ.
ގާނޫނު ބުނާ ގޮތުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިހާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.