ހިތް ކިތަންމެ ތެޅުނަސް ކަރުނައިން ލޯފުރުނަސް އަނިޔާވެރި ފިރިންގެ ކުރިމަތީގަ ފޮރުވުމުގެ ހިތްވަރާ ޤާބިލުކަން ލިބިގަންނަން އެބަޖެހޭ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 23ސ
ހިތް ކިތަންމެ ތެޅުނަސް ކަރުނައިން ލޯފުރުނަސް އަނިޔާވެރި ފިރިންގެ ކުރިމަތީގަ ފޮރުވުމުގެ ހިތްވަރާ ޤާބިލުކަން ލިބިގަންނަން އެބަޖެހޭ!

އެއިރު އަހަރެން އިނީ ދުވަސްފުރައި ވިހަން ދާދި ގާތްވެފައެވެ. ފިރިމީހާ ބޭނުންވީ އަހަރެން ވަރިކުރާށެވެ. އުފަންވާން އުޅޭ ފުރަތަމަ ދަރިފުޅަށްވެސް ބަލައިލުމެއްނެތި ވަރިކޮށްފައި އަހަރެން ފޮނުވައިލީ އެހެން އަންހެނަކު ދެކެ މާބޮޑަށް ލޯބިވެވިއްޖެ ކަމަށް ބުނެއެވެ. "މުޅި ދުނިޔެއިންވެސް ލޯބިވަނީ އަހަރެން ދެކެ އެކަނި ކަމަށް ވެސް ހަމަ ތި ދުލުން ނުބުނަންތޯ؟" ސުވާލުކުރުމުން ބުނީ އެއީ މީގެ އަހަރެއްހައި ދުވަސްކުރިން ބުނެވުނު ބަހެއް ކަމަށެވެ. 

ދަރިފުޅަށް ބައްޕަގެ ލޯބި ނުލިބުމުން ކިހައި ދެރަވާނެތޯ؟ ސުވާލުކުރުމުން ބުނީ މަންމަދެކެ ބައްޕަ ލޯބިނުވާކަން އެނގުނީމާ މާބޮޑަށް ދެރަވާނެ ކަމަށެވެ. އެހިސާބުން ދެން އެހެން އެއްވެސް ގޮތެއް ނެތްކަން އެނގުމުން އަހަރެން އޭނާގެ ކިބައިން އެދުނީ އެންމެ ކަމަކަށެވެ. އަހަރެން އޭނާގެ ކިބައިން އެދުނު ހަމައެކަނި އެންމެ ކަމަމަކީ އަހަރެން ވިހެއުމުން ދުވަހަކުވެސް އޭނާއަކީ ބައްޕަކަމަށް ހެދިގެން ދަރިފުޅުގެ ކުރިމައްޗަށް ނުއެރުމަށެވެ. އަދި ދަރިފުޅު، ﷲ ތަޢާލާގެ ވާގިފުޅާއިއެކު ބޮޑުކުރާނީ އަސްލު ބައްޕަ ގެއްލިފައިވާ ކުއްޖެއްގެ ގޮތުގައި ކަމަށްވެސް ބުނީމެވެ. 

ކޮންމެއަކަސް އަހަރެންނަށް ދެއްވެވީ ލޯބިލޯބި ފިރިހެން ދަރިއެކެވެ. ދަރިފުޅަށް އަހަރުވާން އުޅެނިކޮށް ވަރަށް ހެޔޮ ލަފާ ފިރިއަކު ވެސް ދެއްވެވިއެވެ.  

ދަރިފުޅުގެ ބައްޕަގެ ފުރަތަމަ ފޯނު ކޯލް ލިބުނީ ދަރިފުޅުގެ އުމުރުން 10 އަހަރުގައެވެ. އޭނާ ކައިވެނިކުރި މީހާއަށް ދަރިއަކު ނުލިބުމުގެ ސަބަބުންނާއި އެހެންވެސް މައްސަލަތަކެއްގައި ވަރިކުރުމަށްފަހުގައެވެ. ދަރިފުޅާއި ބައްދަލުކުރަން އެދުމުން ފުރަތަމަވެސް ހަނދާންކޮށްދިނީމެވެ. ދަރިފުޅުގެ ބައްޕަގެ ގޮތުގައި ބައްދަލު ނުކުރެވޭނެ ކަމަށް ވަގުތުން ބުނީމެވެ. 

ސްކޫލުން ނިމިގެން ނުކުތް ގަޑީގައި އޭނާ ބައްދަލުކުރިއެވެ. އަދި ބަންދުކޮށްފައި އެއްޗެއް ދީފައި އެއީ އުފަންދުވަހުގެ ހަދިޔާއަކަށް ދިން އަގު ބޮޑު ފޯނެއް ކަމަށް ބުންޏެވެ. އެއިގައި ހިފަން އަހަރެން ދެކޮޅު ހެދީމެވެ. އަދި މިހާރު ހުރި ބައްޕަ އިއްޔެ ފޯނެއް ގަނެދީފައިވާކަންވެސް ދަރިފުޅަށް ހަނދާންކޮށްދިނީމެވެ. އެހިސާބުން އައީ އެންމެ އަސަރުގަދަ ވަގުތުކޮޅެވެ. 

އޭނާއަށް އޭނާގެ އެއްބަސްވުމުގައި ސާބިތެއް ނުވެވުނެވެ. އޭނާއަކީ އަސްލު ބައްޕަކަމަށް ބުނުމުން ދަރިފުޅު ބުނީ އަސްލު ބައްޕަ ވަނީ ގެއްލިފައި ކަމަށާއި މިހާރު ހުރި ބައްޕައަކީ ވަރަށް ހެޔޮ ބައްޕައެއް ކަމަށެވެ. 

މިވާހަކަ މިގޮތަށް ކިޔައިދިނުމުން ބައަކު އަހަރެން ކުށްވެރިވެސް ކޮށްފާނެއެވެ. އެކަމަށް އެއްވެސް މައްސަލައެއް ނެތެވެ. 10 އަހަރުފަހުން ނަމަވެސް އޭނާ ފެނުމުން އަހަރެންނަށްވެސް ފުން އަސަރުތަކެއް ކުރިއެވެ. މާޒީ ހަނދާންވިއެވެ. ނަމަވެސް އޭނާގެ އަނިޔާވެރިކަން ގަދަކަމުން ހިތަށް ގެނެސް ނަފްސް ކޮންޓްރޯލް ކުރީއެވެ. ހުރިހާ އަންހެނުންވެސް މިކަމުގައި ހިތްވަރު ލިބިގަންނަން އެބަ ޖެހެއެވެ. ހިތް ކިތަންމެ ވަރަށް ތެޅުނު ނަމަވެސް ކަރުނައިން ލޯފުރުނު ނަމަވެސް އަނިޔާވެރި ފިރިންގެ ކުރިމަތީގައި އެކަން ފޮރުވުމުގެ ހިތްވަރާއި ޤާބިލުކަން ލިބިގަންނަން އެބަޖެހެއެވެ. 

ޑެއިލީ މިރަރގައި ޝާޢިޢުކޮށްފައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް  

 

 

މިއަދު އޮންލައިން