ޑަބްލިޔޫއެޗްއޯގެ ދެކުނު އިރުމަތީ އޭސިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފި.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ޑަބްލިޔޫއެޗްއޯގެ ދެކުނު އިރުމަތީ އޭސިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފި.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދަށް ކަނޑައަޅުއްވާފައިވާ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ. މިއީ އެކަމަނާ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ފަހުން ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީދަތުރުފުޅެވެ. އެކަމަނާ ޖުލައިމަހުގެ 14 އިން 16 އަށް ކުރައްވާ މިދަތުރުފުޅުގައި މައިގަޑު 4 އިވެންޓެއް ކުރިއަސް ގެންދިއުމަސް ވަނީ ހަމަޖެހިފައެވެ. 

މިގޮތުން މައިމީހާގެ ފަރާތުން ކުޑަދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ކަމުގައި ދިވެހިރާއްޖެ ކަނޑައަޅުއްވާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދެއްވާ 'އެލިމިނޭޝަން އޮފް މަދަރ ޓު ޗައިލްޑް ޓްރާންސްމިޝަން އޮފް އެޗް.އައި.ވީ އެންޑް ސިފިލިސް' ގެ ރަސްމީ ލިޔުން ދިވެހިރާއްޖެއާއި ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުން މިބަލި ނައްތާލެވުނު ދެވަނަ ޤައުމެވެ. އަދި 2030 ވަނަ އަހަރަށް ދިވެހިރާއްޖެއިން ލެޕްރަސީ އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރާނެގޮތުގެ ފްރޭމެވޯކް އަދި ދުނިޔޭގެ ވައިނުސާފުވުމާއި ގުޅިގެން ފަށާފައިވާ ބައިނަލްއަޤްވާމީ 'ބްރީދްލައިފް' ކެމްޕެއިން ދިވެހިރާއްޖޭގައި އިފްތިތާޙް ކުރުމަށްވެސް ހަފްލާތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައިވެއެވެ. 

ހަމައެއާއިއެކު ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ޓެކްނޮލޮޖީގެ ބޭނުން ފުޅާކުރުމަށް ޞިއްޙީ ޙިދުމަތްތެރިންގެ މަޢުލޫމާތު ބެލެހެއްޓުމަށް އެކުލަވާލެވިފައިވާ 'ހިއުމަން ރިސޯސް ފޯރ ހެލްތު' ޕްލެޓްފޯރމް އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް މާލެ އާއި އަތޮޅުތެރޭގައި ކުރެވޭ މަސައްކަތް މޮނިޓަރކޮށް ވަކި މިންގަނޑަކަށް ޙިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ މޯބައިލް އެޕްލިކޭޝަނެއް ލޯންޗް ކުރެވިގެންދާނެއެވެ. އަދި ދުޅަހެޔޮ ޞިއްޙަތަަކަށް މަގުފަހިކުރުމަށް ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމަށް ބާރުއެޅުމުގެ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހަދިޔާ ކުރައްވަމުންގެންދަވާ އައުޓްޑޯރ ޖިމް އާލާތްތަކުގެ އިތުރު ސެޓްތަކެއް މިހަފްލާގައި ރީޖަނަލް ޑިރެކްޓަރ މިނިސްޓަރީ އޮފް ހެލްތާއި ހަވާލުކޮށްދެއްވާނެއެވެ. 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްއާއި މިނިސްޓްރީ އޮފް ހެލްތުގެ އިސް ފަރާތްތަކާ ވެސް ރީޖަނަލް ޑިރެކްޓަރގެ މިދަތުރުފުޅުގައި ބައްދަލުކުރައްވާނެއެވެ. މިބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ޞިއްޙީ ހާލަތު އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަން ފޯރުކޮށްދެވިދާނެގޮތްތަކާ ގުޅޭގޮތުންނާއި ކުރިޔަށް އޮތް އަހަރަށް ރޭވިފައިވާ މަސައްކަތްތަކާމެދު މަޝްވަރާކުރެވޭނެއެވެ. 

ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދަށް ކަނޑައެޅިފައިވާ ޓާގެޓްތައް ހާޞިލްކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދިވެހިރާއްޖޭއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭ މަޝްވަރާތައްވެސް ކުރިއަށްގެންދެވޭނެއެވެ. މިސަރަހައްދުގެ ޤައުމުތަކުން ބަލިތައް ކޮންޓްރޯލްކޮށް ނައްތާލުމާއި ސިއްޙީގޮތުން ދިމާވާ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމާއި ފެންވަރު ރަނގަޅު ސިއްޙީ ޙިދުމަތްތައް ހަމަހަމަކަމާއިއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގ އެންމެ އިސްކަމެއްދެއްވައިގެން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިއަދު އޮންލައިން