އަމާނާ ތަކާފުލްގެ ފައިދާ 9% އިތުރުވެ، ހިއްސާގެ ފައިދާ އަދި ސާޕްލަސް ބަހަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އަމާނާ ތަކާފުލްގެ ފައިދާ 9% އިތުރުވެ، ހިއްސާގެ ފައިދާ އަދި ސާޕްލަސް ބަހަނީ

އަމާނާ ތަކަފުލް (މޯލްޑިވްސް) ޕީ.އެލް.ސީ އިން 2019 ވަނައަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ (ފަސްޓް އިންޓެރިމް ޑިވިޑެންޑް) ވިޔަފާރީގެ ފައިދާ ހިއްސާދާރުންނަށް ބެހުމަށް ނިންމާ އަދި ތަކާފުލް ސެޓްފިކެޓް (ޕޮލިސީހޯލްޑާރސް) ނަންގަވާފައިވާ ފަރާތްތަކަށް ސާޕްލަސް ބެހުމަށް ނިންމައިފިއެވެ. 

2019 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކުންފުނީގެ ސާފު ފައިދާ މިވަނީ މިދިޔަ 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާއި އަޅާބަލާއިރު %9 ގެ ކުރިއެރުމެއް ލިބިފައެވެ. އެހެންކަމުން ކުންފުނީގެ ބޯޑުންވަނީ ހިއްސާއެއްގެ މޫނުމަތީ އަގުގެ %5 ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ދިނުމަށް ނިންމާފައެވެ. 

31 ޑިސެމްބަރ 2018 އާއި ހަމައަށް މުއަދަތު ހަމަވާ ތަކާފުލް ސެޓްފިކެޓް (ޕޮލިސީ) ނެންގެވި ފަރާތްތަކަށް %14 ސާޕްލަސް ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ސެޓްފިކެޓް ނަންގަވާފައިވާ ފަރާތްތަކުގެ ތެރެއިން ހާދިސާއެއްގައި ބަދަލުހޯދުމަށް އެދިފައިނުވާ ހުރިހާ ފަރާތަކަށް ސާޕްލަސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންވެންޝަނަލް އިންޝުއަރަންސް އާއި ޚިލާފަށް އިސްލާމީ އިންޝުއަރަންސް (ތަކާފުލް) ގައި ތަބައްރުއު (ރިސްކްފަންޑު) ގެ ޙައްޤުވެރިންނަކީ ތަކާފުލްގެ ދަށުން އިންޝުއަރަންސް ނަންގަވާ ފަރާތްތެކެވެ. 

މިހިނގާ 2019 ވަނަ އަހަރު އެކިއެކި ހާދިސާތަކުގައި ގެއްލުންލިބުނު ބައިވެރިންނަށް ބަދަލުގެ ގޮތުގައި ދީފައިވާ އަދަދުވެސް މިވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ 2018 ވަނައަހަރުގެ ފުރަތަމަ ހަމަސްދުވަހާއި އަޅާބަލާއިރު ބަދަލުދެވިފައިވާ މިންވަރު ވަނީ  %14 އިތުރުވެފައެވެ. 

ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި ހަމައެކަނި ތަކަފުލް ޚިދުމަތްދޭ އަމާނާ ތަކަފުލް އިން ހިފަހައްޓަމުންދާ އުސޫލީ މިންގަނޑު ތަކަކީ ކުންފުނީގެ ކުރިއެރުމުގެ އެންމެބޮޑު ސިއްރެވެ. ކުންފުނީގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް 'ސާޕްލަސް' އާއި ހިއްސާދާރުންނަށް ވިޔަފާރި ފައިދާ 2011 ވަނައަހަރު ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރެވުނު ހިސާބުންދަނީ ކެނޑިނޭޅި ދެމުންނެވެ. 

2019 ވަނައަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ހިއްސާއެއްގެ މޫނުމަތީ އަގުގެ %5 ދިނުމަށް ވަނީ ނިންމާފައެވެ. ވީމާ، 23 ޖުލައި 2019 ވަނަދުވަހާއި ހަމައަށް ކުންފުނީގެ ހިއްސާ ބައްލަވައިގެންފައިވާ ފަރާތްތަކަށް ހިއްސާގެ ފައިދާ ބެހުމަށް ވަނީ ނިންމާފައެވެ.

 

މިއަދު އޮންލައިން