މާލޭގެ ހޮޓަލަކުން އެއާޕޯޓަށް ދާން ބޭނުންވި ފަތުރުވެރިއެއްގެ ހޭންޑް ލަގެޖުގައި އަގު ބޮޑު ތަކެތި ހުރުމުން އޭނާ ބޭނުންވީ އެ ލަގެޖް ޑިކީއަށް ނުލުމަށެވެ. ދަތުރުކުރަނީ އޭނާ އެކަނި ކަމަށްވުމުން ސީޓުގެ ބާކީ ޖާގައިގައި ބޭއްވުމަށެވެ. ލަގެޖަކީ ހަމަ ވަރަށް އާދައިގެ ސައިޒެއްގެ ކުޑަ އަދި ލެދަރ ދަބަހެކެވެ. އެހެންކަމުން ފަހަތު ސީޓަށް އެރުވި ނަމަވެސް ސީޓަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ.
ސީޓަށް އަރުވަން ބޭނުން ނޫންނަމަ ތިރީގައިވެސް ބައިންދައި ލެވޭ ވަރުގެ ކުޑަކުޑަ ލަގެޖެކެވެ. ފަހަތު ސީޓަށް އަރުވައިދިން ނަމަވެސް ޑިކީއަށް އެރުވުމުން ނަގާ އަގު ދިނުމަމަށް ހުށަހެޅުމުންވެސް ޤަބޫލު ނުކުރީއެވެ. ޑްރައިވަރު އެންގީ ޑިކީގައި ނޫނީ ނުގެންދެވޭނެ ކަމަށެވެ.
ދަތުރުކުރަން ހުރި މީހާ އެގޮތާއި ނުރުހުމުން ހޮޓަލަށް ޖެހުނީ އެކަން އެގޮތަށް ކޮށްދޭނެ ޑްރައިވަރަކު ހޯދާށެވެ. ޕަރައިވެޓް ހަޔަރ އަކަށް ގުޅައިލުމުން އައި ޑްރައިވަރު ކަސްޓަމަރު ބޭނުންވި ގޮތަށް އުފަލާއިއެކު ހިނިތުންވެ ހުރެ އެކަން ކޮށްދިނެވެ. ނަމަވެސް މައްސަލައަކަށްވީ އެއާޕޯޓަށް ދިއުން ކުޑަތަންކޮޅެއް ލަސްވި ކަމެވެ.
ކޮންމެ ޚިދުމަތެއް ދޭ ބައަކު ނަމަވެސް އެމީހުންގެ ކަސްޓަމަރުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމުގައި ސާބިތުވި ވަރަކުން ނޫނީ އެބައަކަށް ކުރިއެރުމެއް ނުލިބޭނެއެވެ. ޙައްލުކުރަން ޖެހޭ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމާއި ކަސްޓަމަރުންނަސް ޚިދުމަތް ދިނުމަކީ މުޅިން ތަފާތު ދެކަމެކެވެ.
ކަސްޓަމަރުން ދޭ ޚިދުމަތާ ޗެލެންޖްކޮށްގެން ޓްރާންސްޕޯޓް އޮތޯރިޓީގެ ޤަވާއިދު ބަދަލުކުރުވުމަކީ ކުރެވިދާނެ ކަމެއްތޯ؟ މިއީ މިހާރު ގިނަ ބައަކު ކުރާ ސުވާލެކެވެ.
ޓެކްސީ ޑްރައިވަރުންގެ ތެރޭގައި ވަރަށް ރަނގަޅު ޑްރައިވަރުންވެސް ގިނަކަން ފާހަގަކުރެވެއެވެ. ކުރިން ހުޅުމާލެއަށް 100 ރުފިޔާއަށް ދަތުރުކުރިއިރުވެސް އެކަކަށްވުރެ ގިނަ މީހުން ގޮވައިގެން ދަތުރުކޮށްފިނަމަ ކޮންމެ މީހަކު އަތުން 100 ރުފިޔާ ނެގުމުގެ ބަދަލުގައި 75 ރުފިޔާ ނެގި ޑްރައިވަރުން ތިބިކަން ފާހަގަކުރެވެއެވެ. ވީމާ ހުރިހާ ޑްރައިވަރުންނަށް ނަފްރަތު ކުރުމެއް ނެތެވެ.
ނަމަވެސް މަދު ބައެއްގެ ކިބައިން ނަމަވެސް މައްސަލަތައް ކުރިމަތިވާނަމަ ބުނެވޭނީ "ޑްރައިވްރުން" މިވެނި ގޮތަކަށް ކަންކަން ކުރާ ކަމަށެވެ. އެހެންކަމުން މިއީ ޑްރައިވަރުންގެ ޖަމިއްޔާއިން އިސް ނަގައިގެން މަދު ޑްރައިވަރުން ކުރާ ނޭދެވޭ ކަންކަން ހުއްޓުވަން މަސައްކަތްކުރުމުގެ ވަގުތުކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.