ކ. ތުލުސްދޫ/ ބިޖިލީއުފާ އަލީ ޝިޙާމް އަށް ވަޅިން ހަމަލާދީ މަރާލެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި އެކަމަށްޓަކައި ޝިހާމްގެ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށް އޭނާގެ ގާތިލު، އެރަށު ރެޑްރޯސް މުޙައްމަދު ނިޔާޒް ބުނެފިއެވެ.
ނިޔާޒް އެހެން ބުނެފައިވަނީ 2014 ވަނަ އަހަރު ހިނގި އެހާދިސާއަށް އޭނާ އިއުތިރާފްވެފައި ވަނިކޮށް، ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލިހުގައެވެ. އެމައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެދައުވާ ނިޔާޒްގެ މައްޗަށް ސާބިތުވެ އޭނާގެ މައްޗަށް މަރަށް މަރުހިފުމަށް ކޯޓުން ހުކުމް ކޮށްފައިވެއެވެ.
އެމައްސަލަ ދައުލަތުގެ ފަރާތުން ޕީޖީން އިސްތިއުނާފް ކުރީ ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ނިހާއީ ނިންމުމެއްކަން ކަށަވަރު ކުރުމަށެވެ.
މިމައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ނިޔާޒް އިނީ ވަކީލަކާ ނުލައި އެކަންޏެވެ. މައްސަލައަށް އިއުތިރާފްވެފައިވާތީ އޭނާ ކުރިއަށްދާން ބޭނުންވަނީ ވެސް ވަކީލަކާ ނުލައި އެކަނިކަމަށް ނިޔާޒް ބުނެފައިވެއެވެ.
އެހާދިސާ ހިނގައިދިޔަ ގޮތް ކުރު ގޮތަކަށް ކިޔައިދެމުން ނިޔާޒް ބުނީ، ޝިހާމަށް ވަޅިން ހަމަލާދިން އިރު އޭނާ ހުރީ ވަރަށް ބޮޑަށް މަސްތުގެ ހާލުގައި ކަމަށާއި ހަމަލާދިނީ އެއްވެސް ހާލެއްގައި މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ. ނަމަވެސް އޭނާ ދިން އެހަމަލާއިން ނިޔާޒް މަރުވުމުން އެކަމަށްޓަކައި "ވަރަށް ބޮޑަށް މާފަށް އެދޭކަމަށް" ނިޔާޒް ބުންޏެވެ.
މިމައްސަލައާއިމެދު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވަނީ، ޝިހާމަށް ހަމަލާދިނީ އޭނާ މަރާލުމުގެ ގަސްދުގައި ނޫން ކަމަށް ނިޔާޒް ބުނިކަމުގައިވީ ނަމަވެސް، 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ 18:50 ހާއިރު ނިޔާޒް އޭނާގެ ގެއިން 11 އިންޗީގެ ބޮޑު ވަޅިއެއް ހިފައިގެން އެރަށު ދުންފަޅުގޭގެ އިރު އުތުރު ފަރާތު ގަހެއްގައި އެލުވާލާފައި އޮތް ޖޯއްޔެއްގައި ޝިހާމް އޮއްވާ ގޮސް އެވަޅި އޭނާގެ ގަޔަށް ހަރާލިކަމަށް ނިޔާޒް ބުނެފައިވާތީއާއި ޝިހާމް މަރުވެފައިވަނީ އެހަމަލާގެ ސަބަބުން ކަމަށް ޝަރީއަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ވެސް އެނގެން އޮތް ކަމަށެވެ.
ޝިހާމްގެ ވާރިސުންގެ ތެރެއިން އޭނާގެ ބައްޕަ ފަރާތު މާމައާއި އޭނާގެ އަންހެނުން ބުނެފައިވަނީ ގިޞާސް ހިފަން ބޭނުން ކަމަށެވެ. އަދި އޭނާގެ ބާލިޣުނުވާ ދެ ދަރިންގެ ފަރާތުން ވެސް އެކުދިންގެ މަންމަ (ޝިހާމްގެ އަންހެނުން) މަރަށް މަރުހިފަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށް ހުކުމުގައިވެއެވެ.
މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ވެސް އިސް ފަނޑިޔާރު ޝުއައިބް ޙުސެއިން ވަނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ނިޔާޒަށް އޮތްކަން ހަނދާން ކޮށްދެއްވާފައެވެ. ނަމަވެސް ތަކުރާރުކޮށް އެހެން ވިދާޅުވުމުން ވެސް ނިޔާޒް ބުނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައިވާތީ އިތުރު ދޮގުތަކެއް ހެދުމުގެ ބޭނުމެއް ނެތުމުން ވަކީލަކު ބޭނުން ނުވާ ކަމަށެވެ.