ކަންނެލި މަސްވެރިކަމު ނިކުމެ އުޅުމު ދޯންޏެއްގައި ހުރި ބިދޭސީއަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އއ. ތޮއްޑޫ ނަސްރު 2 ދޯނިން މަހަށް ނިކުމެ އުޅެނު ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.
މިމީހާ މަރުވީ ހއ. ތުރާކުނާދިމާލު ހަ މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ތުރާކުނުގެ ކައުންސިލް ރައީސް ތޯހާ އަލީ ވިދާޅުވީ، ބިދޭސީ މީހާ އެރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. މަރުވި މީހާގެ އިތުރުން ނުވަ މީހުން އެދޯނީގައި ތިބިކަމަށް ވެސް ތޯހާ ވިދާޅުވެފައިވެއެވެ.
ބިދޭސީ މީހާ މަރުވީ މެއަށް ތަދެއް އަރައިގެން ދޯނި ތެރެއަށް ވެއްޓުމަށްފަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.