ޓީޗަރު ޙުސައިން ބޭނުންވީ ޢާއިލާ އާއިއެކު ބޭސް ފަރުވާއަށް މާލޭގަ އިން މަންމައަށް ޒިޔާރަތް ކުރަން - ދެމަފިރިންނާ 2 ދަރިން ނިޔާވީ ހިތްދަތިކަމާއެކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ޓީޗަރު ޙުސައިން ބޭނުންވީ ޢާއިލާ އާއިއެކު ބޭސް ފަރުވާއަށް މާލޭގަ އިން މަންމައަށް ޒިޔާރަތް ކުރަން -  ދެމަފިރިންނާ 2 ދަރިން ނިޔާވީ ހިތްދަތިކަމާއެކު!

ހދ. ނޮޅިވަރަންފަރު ސްކޫލްގެ ޓީޗަރު ޙުސައިން ވަޙީދު ޢަބްދުﷲ އޭނާގެ އަނބިމީހާ އާއި ދަރިފުޅު ޤުރައިޝާ އާއި ޤުރައިޝާގެ ދަރިފުޅު އުމުރުން 3 އަހަރުގެ ޢީރާ ގޮވައިގެން މިއަދު ރަށުން ފުރީ ބޭސް ފަރުވާއަށް މާލޭގައި އިން މަންމައަށް ޒިޔާރަތް ކުރަން މާލެ އައުމަށްޓަކައި ހަނިމާދޫއަށް ދިއުމަށެވެ.  

ޙުސައިން ވަޙީދުގެ ބޭބެ ޙަސަން ވަޙިދު ބުނީ މާލޭގައި ބައިންދައިގެން މަންމައަށް ބޭސްފަރުވާ ކުރަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ކޮންމެ ބަންދެއްގައިވެސް ޙުސައިން ވަޙީދު މަންމައަށް ޒިޔާރަތްކުރާ ކަމަށެވެ.  

"ޙުސައިން ވަޙިދުގެ ބޭނުމެއް ނުފުދުނު. މަންމަ އާއި ބަދަލު ކުރެވޭނެ ގޮތެއް ނުވި. އަދި މަންމަގެ ޙާލުހުރި ގޮތުން ޖަނާޒާއަށް ހަނިމާދޫއަށް ގެނެވޭކަށްވެސް ނެތް. ވީމާ ދެމައިން އެކަކު އަނެކެއްގެ ލޮލަށް ނުފެންނަ ގޮތަށް ކަންތައްތައް ވެގެން މިދިއައީ. މިއީ މާތްﷲ އިރާދަފުޅު ކުރެއްވެވި ގޮތް." 

ޙުސައިން ވަޙީދާއި ޢާއިލާގެ ޖަނާޒާގެ ކަންކަން ފުރިހަމަކުރަން ޢާއިލާގެ މީހުން މިހާރު ތިބީ ހަނިމާދޫގައެވެ. 

ހުސައިން ވަޙީދަކީ ބަސް މަދު އަޚްލާޤް ރަނގަޅު އެންމެންނާއިވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ ޓީޗަރެކެވެ. މުދައްރިސުން ތަމްރީނުކުރުމުގެ 7 ވަނަ ބުރުގެ ދަރިވަރެކެވެ. ކޯސް ފުރިހަމަކުރުމަށްފަހު މިއަދާއި ހަމައަށްވެސް ޙުސައިން ވަޙިދު ގެންދަނީ ޓީޗަރެއްގެ ގޮތުން އިޚްލާސްތެރިކަމާއިއެކު ޚިދުމަތްކުރުމުންނެވެ.   

ޙުސައިން ވަޙީދުގެ އިތުރުން ޙުސައިން ވަޙީދުގެ ޢާއިލާގެ ހުރިހާ އެންމެންނަކީ ވެސް ވަރަށް އަޚްލާޤް ރަނގަޅު، އެންމެންނާއިވެސް ގާތް ގުޅުމެއް ބާއްވާ ބައެއްކަން ފާހަގަކުރެވެއެވެ. އެކަންކަން އަޅުގަނޑަށް ވެސް ވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައިކަން މިފުރުޞަތުގައި ފާހަގަކުރެވެއެވެ. 

ޙުސައިނަ ވްޙީދު ނިޔާވުމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ހދ.ހަނިމާދޫ އަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ނިޔާވި ނޮޅިވަރަންފަރު ސްކޫލްގެ ޓީޗަރު ހުސެއިން އަބްދުﷲ ނިޔާވުމަކީ މުޅި ނޮޅިވަރަންފަރަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. 

މިއަދުގެ ހިތާމަވެރި ހާދިސާގައި ހުސައިން ވަޙީދުގެ ޢާއިލާގެ އިތުރުން ނޮޅިވަރަންފަރު ސްކޫލްގެ އަބްދުއްޝުކޫރު ހުސެއިންގ އަނބިކަނބަލުންވެސް ވަނީ ނިޔާވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުސެއިން ވަޙީދު އަކީ މެދުނުކެނޑި ނޮޅިވަރަންފަރު ސްކޫލްގައި މުދައްރިސެއްގެ ގޮތުގައި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދެވި ޓީޗަރެއް ކަމަށެވެ. އަދި ހުސެއިން ނިޔާވުމަކީ، ނޮޅިވަރަންފަރުގެ އެންމެހާ ރައްޔިތުންނާއި ސްކޫލަށް ލިބިގެންދިއަ ނުހަނު ބޮޑު ގެއްލުމެއް" ކަމަށެވެ.

މި ހާދިސާގައި ނިޔާވި 5 މީހުންނަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކޮށްދެއްވެވުން އެދި ދުޢާ ކުރަމުއެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދިވެސް ދުޢާކުރަމުއެވެ.

 

 

 

 

މިއަދު އޮންލައިން