ލޯންޗް ބަންޑުންޖަހައިލި ހާދިސާގައި މަރުވި މީހުންގެ ޖަނާޒާ ފަސްކުރީ ޤައުމީ ޓީމުގެ މެދުތެރެއަށްކުޅޭ މަޝްހޫރު ކުޅުންތެރިޔާ އިބްރާހީމް ވަޙީދު ޙަސަން އަށް ދެވެންދެން އޭނާގެ އެދުމަކަށެވެ. އިބްރާހީމް ވަޙީދް ޤައުމީ ޓީމާއިއެކު ލަންކާގައި ހުރުމުން ރާއްޖެ އައިސް ހަނިމާދޫއަށް ދިއަ ފްލައިޓް ޖައްސާފައިވަނީ 12 ޖަހާ އެހައިކަންހާއިރުއެވެ.
"ދަރިފުޅުގެ އެދެމަށް ޖަނާޒާގެ ކަންކަން މި ފަސްކުރީ. ދަރިފުޅު ކޮންމެހެންވެސް އޭނާގެ ބޮޑުބޭބެ އާ ޢާއިލާގެ މޫނު ދެކެން ބޭނުންވީ. ދަރިފުޅު ގެންގުޅެ ބޮޑުކުރީވެސް ކޮއްކޮ ޙުސައިން ވަޙީދުމެން. އެހެންވީމާ ޙުސައިން ވަޙީދާއި ޢާއިލާ ދެކެ ދަރިފުޅު ވަރަށް ލޯބިވާނެ." އިބްރާހީމް ވަޙީދުގެ ބައްޕަ ޙަސަން ވަޙީދު ވިދާޅުވިއެވެ.
އިބްރާހީމް ވަޙީދުގެ ޢާއިލާގެ 4 މީހުން އެއްފަހަރާ ނިޔާވުމުން ފުޓްބޯޅައިގެ ޢާއިލާއިން ވެސް މިއަދު ގެންދަނީ އެކަން ފާހަގަކުރަމުންނެވެ. ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ. ޤައުމީ ޓީމުން ލަންކާގައި ކުރަމުން ގެންދާ ޕްރެކްޓިސް ވެސް މިއަދު ވަނީ ހުއްޓާލައިފައެވެ.
އިބްރާހީމް ވަޙީދު ލަންކާގައި ހުރީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ 5ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް އެ ޤައުމަށް ދިއުމަށް ވިސާ ނެގުމަށް ގޮހެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ގުއާމްއާއި ޗައިނާއާ ދެކޮޅަށް ކުޅުމަށް އެކުލަވާލި ސްކޮޑުގައި އިބްރާހީމް ވަޙީދު ހިމެނެއެވެ. ރާއްޖެ އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 6ވަނަ ދުވަހު ޤުއާމާ ދެކޮޅަށެވެ. އަދި އަންނަ މަހުގެ 10ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޗައިނާ އާއި ދެކޮޅަށް ކުޅޭނެއެވެ.
ޢާއިލާ އަށް ކުރިމަތިވި ކުއްލި ހިތާމަ އާއި ގުޅިގެން އިބްރާހީމް ވަޙީދު މިވަގުތު ޤައުމީ ޓީމާއި ގުޅޭނެކަން އަދި ޔަޤީނެއް ނުވެއެވެ.