ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދަނީ ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ދޭން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެކަމުގެ ޙަޤީޤަތް އޮޅުވާލަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއިމެދު ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން ބޭނުންވާ ބައަކު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ އާއި ބައެއް މެންބަރުން ގުޅުމަށް މިރޭ ޕާޓީގެ މައި އިދާރާ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ފެހި ޤާނޫނު އަސާސީގެދަށުން ފުރަތަމަ ވެރިކަމަށް އައި އެމްޑީޕީ އާއި 2013 ވަނަ އަހަރު ވެރިކަމަށް އައި ރައީސް ޔާމީނުގެ ސަރުކާރަށްވެސް ކަންކަން ކުރަން ފެށުނީ އަހަރު ދެ އަހަރު ފަހުން ކަމަށެވެ. "މި ދެ ސަރުކާރު ވެރިކަމަށް ގެންނަންވެސް އަޅުގަނޑުމެންނަކީ ކޯލިޝަން ޕާޓްނަރުން. އަޅުގަނޑުމެން ތިބީ ހޭލައި ބަލަހައްޓައިގެން. ގޭގައި ނިދާފައެއް ނޫން ތިބީއަކީ. މިކަންކަން މިނައިލީމާ އަދި މިސަރުކާރުގެ ކަންކަން ލަސްވެގެން އެއްޗެއް ބުނާނެ އެއްވެސް ޖާގައެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން ހަމަގައިމުވެސް."
ޤާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހައި އަވަހަށް ކަންކަން ފުރިހަމަވާން ކަމަށާއި ނަމަވެސް އެކަމަށް ވަގުތު ނަގާނެ ކަމަށެވެ. 1932 ވަނަ ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ވުޖޫދުކުރި ނަމަވެސް ޑިމޮކްރެޓިކް ހަމަތަކާއިއެކު އަޅުގަނޑުމެންނަށް ޤާނޫނު އަސާސީއެއް ލިބުނީ 7 އޮގަސްޓް 2008 ގައި ކަމަށެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ބަލައިފިނަމަ ވަރަށް ބޮޑެތި ކުރިއެރުންތައް ވަނީ ހޯދިފައި ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ފާއިތުވި 12 ވަރަކަށް އަހަރު ތެރޭ ބަޖެޓް 5 ބިލިއަނުން 30 ބިލިއަނަށް ކުރިއަރައިގެން މިއައީ އިޞްލާޙަށް ކުރަން ފެށުނު މަސައްކަތްތަކުގައި ކުރިއެރުންތަކެއް ހާޞިލުކުރެވުމުން ކަމަށެވެ. "ކުއްލިއަކަށް ކަންކަން ކުރަން އުޅުނީމާ އަނެއް ދުވަހު ތިބެން ޖެހޭނީ ނުކައި . އެހެން ނުވާނެ ގޮތަށް ކަންކަން ވަރަށް ބޮޑަށް ރާވައިގެން ކުރަން ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ. އޮތީ ހަމަ ކުޑަކޮށް ކެތްތެރިވެލުން." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
- ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (އޯޑިއޯ):