ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކަނޑޫދޫ ކައުންސިލަރުން ވަނީ އެ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުން ތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ނައިބް ރައީސް މަޝްވަރާކުރައްވާފައެވެ.
ކަނޑޫދުއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ކަނޑޫދުއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކަށްވާއިރު، ދަނޑުވެރިންގެ ބައެއް ކަންބޮޑުވުންތައް ވެސް ނައިބް ރައީސް ޙިއްޞާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި، ކަނޑޫދޫ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ލިބޭ އިތުރު ހިތްވަރެއްކަން ފާހަގަކުރައްވާ، ކައުންސިލްތަކުން އިތުރަށް ޒިންމާދާރުވާން ކުރެވެން ހުރި މަސައްކަތްތައް ފާހަގަކުރައްވާ، އެކަންކަމަށް ޚާއްޞަ އިސްކަމެއް ދިނުމަށް އެދިވަޑައިގެންނެވިއެވެ.