ރާއްޖޭގެ މަސައްކަތްތެރިކަން ކުރި ނާރައި އޮތީ އެކަށީގެންވާ އާމްދަނީ އެއް ނުލިބޭތީ ކަމަށާއި އެގޮތަށް އެކަން އޮތުން މިސަރުކާރުން ބަދަލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ރައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
"ފަންނު އެކްސްޕޯ 2019" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ނަސީމް ވިދާޅުވީ މަސައްކަތް ބައަކު ކުރާނީ އެކަމަކުން އެކަށީގެންވާ ވަރުގެ އާމްދަނީއެއް ލިބޭނަމަ ކަމަށެވެ. މަސައްކަތް ކުރުމުގެ ފުރުޞަތު ފަސޭހަކަމާއިއެކު ހުޅުވިފައި އޮންނަ ނަމަ ކަމަށެވެ.
ފައިޞަލް ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިންނަށް ރިޒޯޓުތަކުން ފުރުޞަތު ހޯދައިދޭން މަސައްކަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. "ދެންމެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ވާހަކަފުޅުގައި، އެ ވިދާޅުވީ މިފަދަ ކަންތައްތަކަށް، މި މަސައްކަތްތައް ކުރިއަރުވައި، މި ވިޔަފާރި ފުޅާކުރުމަށްޓަކައި ރިޒޯޓްތަކުން ޖާގަ ލިބޭނޭ މަގު ތަނަވަސްކޮށްދެއްވާނެ ވާހަކަ" ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
ފައިޞަލް ނަސީމްގެ ވާހަކަފުޅުން:
"މިއަދު މިފަދަ މަސައްކަތެއް ދިވެހި ސަރުކާރުން ކުރިއަށްގެންދާއިރު، އަޅުގަނޑުމެން އެންމެބޮޑަށް ވިސްނާލަންޖެހޭ ކަމަކީ، މިފަދަ ފަންނެއް، މިފަދަ ހުނަރުތަކެއް ދިވެހި ރައްޔިތުންގެ ގައިގައި ހުރެ އެ ހުނަރުތައް، އެ މަސައްކަތްތައް، ބީވެގެން ގޮސްފައިވާ ސަބަބު. ކުރިއަރައިގެން ގޮސްފައި ނުވާ ސަބަބުތައް މިއަދު އަޅުގަނޑުމެން ހޯދަން އެބަޖެހޭ.
އާދެ، އަޅުގަނޑުމެން ހަނދާނަށް އަންނަނީ، މިދިޔަ އަހަރު، މި ދުވަސްވަރު އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރަށްތަކަށް އެންމެ ގިނައިން ދަތުރުކޮށް ހެދިއިރު، އަޅުގަނޑުމެންނަށް ދިވެހިންގެ، ދިވެހި ރައްޔިތުންގެ ފަރާތުން ވަރަށްގިނަ ޝަކުވާތައް އަޑުއިވިގެންދިޔަ.
އާދެ، ވަކިން ޚާއްޞަކޮށް، ވިޔަފާރިތަކަށް އޭރު ދިމާވެފައި ހުރި ގޮންޖެހުންތަކާއި، ދަތި އުދަނގޫތަކުގެ ވާހަކަ އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ. ކުރިއެރުމަށްޓަކައި ހުރި އުނދަގޫތައް. ކުރިއަރައިގެން ދިޔުމަށްޓަކައި ހުރި އުނދަގޫތަކާއި އަދި މިފަދަ ހުނަރުތައް އާލާކޮށް، އިތުރު ފަރާތްތަކަށް ދަސްކޮށްދިނުމަށްޓަކައި ހުރި ދަތި ކަންތައްތަކުގެ ވާހަކަތައް ވަރަށްގިނަ ފަރާތްތަކުން އަޅުގަނޑުމެން އެންމެންނާ ޙިއްޞާ ކުރަމުންދިޔަ.
އަޅުގަނޑު މިއަދު އުފާކުރަން، މިއަދު މި ފުރުޞަތުގައި ވަކިން ޚާއްޞަކޮށް، އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިފަދަ މަސައްކަތެއް ފަށްޓަވައި، މުޅި ދިވެހިރާއްޖޭގައި، މި ޤައުމުގައި ހުރި އަޅުގަނޑު ގަބޫލުކުރަނީ، މި ހުނަރަކީ، މިއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކާ އަޅައިބަލައިފިނަމަވެސް ވަރަށް މުއްސަނދި، އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާންޖެހޭފަދަ ހުނަރުތަކެކޭ. މި ކަންތައް ދިރުވައި، އާލާކުރުމަށްޓަކައި މި ފެށިގެންދާ މަސައްކަތަކީ އެއްވެސް ޝައްކެއްނެތް، މުޅި ޤައުމުގެ އައިޑެންޓިޓީ، އަޅުގަނޑުމެންގެ ޤައުމީވަންތަކަން މުޅި ދުނިޔެއަށް ދައްކުވައިދޭނެ ކަމެއް.
އާދެ، ކުރީގައި އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުމެން ހޯދައި ބަލަން އެބަޖެހޭ، ކުރިއަރައިގެން ގޮސްފައި ނެތް ސަބަބުތައް. އާދެ، އެއްވެސް ކަމެއް، އެއްވެސް މީހަކަށް ކުރެވޭނީ އެ ކުރާ ކަމަކުން މަންފާއެއް ކުރާ ކަމަށްވަންޏާ. ފައިދާއެއް ކުރާ ކަމަށްވަންޏާ. ފަސޭހަކަމާއެކު އެކަމެއް ކުރުމުގެ މަގު ހުޅުވިފައި އޮތް ކަމަށްވަންޏާ.