ރިލްވާން މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް ނެތް: އެންއައިސީ

ކިޔުމަށް ހޭދަވާނީ 1މ 19ސ
ރިލްވާން މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް ނެތް: އެންއައިސީ

މިނިވަން ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނު ކުރުމާއި އޭނާ ގެއްލުވާލުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތަށް ބަލާއިރު، ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ އެއްވެސް ހެއްކުއް މިހާތަނަށް ލިބިފައި ނެތް ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެމްއައިސީ) އިން ބުނެފިއެވެ.

މިކަމާއި ގުޅިގެން މިމަހުގެ ދެވަނަ ދުވަހު އެންއައިސީން ދިން ޖަވާބުގައި ބުނެފައިވަނީ، އެކަމުގައި ފުލުހުން މިހާތަނަށް އެއްވެސް އިހުމާލެއް ވެފައިވާކަމުގެ ހެއްކެއް އަދި ގަރީނާއެއް ވެސް އެކޮމިޝަނަށް ލިބިފައިނުވާ ކަމަށެވެ.

މަރާލާފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ނިންމާފައިވާ ނޫސްވެރިޔާ ރިލްވާންގެ އާއިލާއިން އެމައްސަލަ އެންއައިސީ އަށް ހުށަހަޅާފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުއެވެ.

އެންއައިސީން މިހެން ވިދާޅުވެފައިވީ ނަމަވެސް، ރިލްވާންގެ މައްސަލަ ބެލުމަށްފަހު ރިޔާސީ ކޮމިޝަނުން ނެރުނު ވަގުތީ ރިޕޯޓުގައި ބުނެފައިވަނީ، ރިލްވާންގެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާއިމެދު ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ.

ރިޔާސީ ކޮމިޝަނުން މިމައްސަލަ ތަހުގީގު ކުރުމަށްފަހު ބުނެފައިވަނީ ރިލްވާން މަރާލާފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށެވެ. އެގޮތުން އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭ ތަންތަން ފުލުހުން މިދިޔަ ހަފްތާގައި ފާސްކުރި ނަމަވެސް އެމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް 15 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

ރިލްވާންގެ މައްސަލައާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވީ އެމައްސަލަ އަންނަ ހަފްތާގައި ޕީޖީ އަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

މިއަދު އޮންލައިން