އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވޯޓު ދެވޭނީ އަންނަ ބުރާސްފަތީގެ ނިޔަލަށް ޕާޓީގައި ތިބޭ މެންބަރުންނަށް ކަމަށް އެޕާޓީން ބުނެފިއެވެ.
މިކަމާގުޅިގެން ޖޭޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީގައި ވޯޓު ދެވޭނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައި ތިބޭ މެންބަރުންނަށް ކަމަށާއި މާލޭގައި ދިރިއުޅޭ ޖޭޕީގެ މެންބަރުންގެ ތެރެއިން އެކިއެކި ރަށްރަށުގެ މީހުނަށް ވެސް ޖޭޕީގެ ޕްރައިމަރީގައި ވޯޓު ދެވޭނެ އިންތިޒާމުތައް އެ ޕާޓީން ހަމަޖައްސައިދޭނެ ކަމަށެވެ.
ޖޭޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލާފައިވާއިރު މިމުއްދަތު ހަމަވާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭގަނޑު 8:20 އަށެވެ.