ތަޢްޒިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތަޢްޒިޔާ

ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި 29 އަހަރަށްވުރެ ދިގު މުއަދަތެއްގައި ޚިދުމަތްކުރައްވާފައިވާ އިބްރާހީމް ޢާޞިފް (ބަބާ) (ހ. ރަންފަޅޯގެ) ވަނީ ހޯމަވިލޭރޭ މެންދަމުގެ ވަގުތެއްގައި ސްރީލަންކާގައި އަވަހާރަވެފައެވެ. ރޭ އިޝާނަމާދަށްފަހު މާލިގަވައްތަ ސަހަރާގައި ވަނީ ފަސްދާނުލައިފައެވެ.

ޢާޞިފް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކިޑްނީގެ ބައްޔަށް ފަރުވާ ހޯއްދަވައިފައެވެ. ކިޑްނީ ބަދަލުކުރުމަށްވެސް އައީ ތައްޔާރުވަމުންނެވެ. ކޮއްކޮ އަކު ހުރީ ކިޑްނީ ބޭބެއަށް ހަދިޔާ ކުރަންވެސް ތައްޔާރުވެގެންނެވެ.

ޢާޞިފް ކައިވެނިބައްލަވައިގެން އުޅުއްވީ ސްރީލަންކާގެ އަންހެނަކާއެވެ. ނިޔާވިއިރު ދަރަކަލަކާއި ދަރިކަނބަލަކު ތިއްބެވިއެވެ.

ޢާޞިފަކީ ހިތްހެޔޮ ބޭފުޅެކެވެ. މީހުންނަށް ޚިދުމަތް ކުރެއްވުމުގައި ނަމޫނާ ބޭފުޅެކެވެ.

"ސްރީލަންކާގެ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތްކުރެއްވި އާސިފް ނިޔާވީ ހޯމްވިލޭރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އާސިފް ވަނީ 29 އަހަރަށްވުރެ ގިނަ ދުވަހު ޚާރިޖިއްޔާގައި މަސައްކަތް ކުރައްވާފައެވެ. އާސިފް އަކީ މީހުންނާއި ގުޅޭ، މަސައްކަތަށް ފަރުވާތެރި މުވައްޒަފެކެވެ." ދިވެހި ޚާރިޖިއްޔާ

ޢާޞިފް އަވަހާރަވުމުގެ ހިތާމައިގައި މިއަދުނޫހުން ބައިވެރިވަމުއެވެ. މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ނިޢްމަތް ދެއްވެވުން އެދި ދުޢާކުރަމުއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދިވެސް ދުޢާ ކުރަމުއެވެ.

(ޢާޞިފަކީ މިއަދުނޫހަށް ވަރަށް ޚިދުމަތްތެރި، މިއަދުނޫސް ޓީމްގެ މެންބަރެއްގެ ބޭބެކަން މިފުރުޞަތުގައި ފާހަގަކުރަމެވެ!)

މިއަދު އޮންލައިން