ޖުމްހޫރީ ޕާޓީގެ ކައުންސިލް ގެ 141 ވަނަ ބައްދަލުވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް ކާނިވާ ސަރަހައްދުގައި އެ ޕާޓީގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މިޖަލްސާއާއި ބެހޭގޮތުން މައުލޫމާތުދެމުން ޖުމްހޫރީ ޕާޓީގެ ސްޓްރެޓީޖިކް ޕްލޭނިން ކޮމިޓީގެ މެމްބަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ، ޖަލްސާ ބާއްވާނީ މި މަހުގެ 13 ވާ ހުކުރު ދުވަހު ކަމަށެވެ.
ޖުމްހޫރީ ޕާޓީން ބުނެފައިވަނީ މިޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް މިހާރު ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަމަށާއި މިޖަލްސާގެ ޝިއާރަކީ "ދީނާއި، ގައުމުގެ ދިފާއުގައި" ކަމަށެވެ.
ޖޭޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަނީ 127 ކެނޑިޑޭޓުންނެވެ.
ދާދިފަހުން އެމްޑީޕީ އާއި ޕީޕީއެމުން ވެސް ވަނީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވާފައިފައެވެ.