އިކޮނޮމިކް މިނިސްޓރީން އިންތިޒާމުކޮށްގެން މިއަދު ހަވީރު ކަސްޓަމްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ބޮޑެތި ވިޔަފާރިވެރި ކުންފުނިތަކުން ދެއްކި ވާހަކައިން އެނގުނީ މުދަލުގެ އަގު އުފުލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ނަމަވެސް "ކޮންމެވެސް މިންވަރަކަށް އަގު އުފުލައިލުމަކީ ރޯދައިގެ ފަރުޟެއް" ކަމަށް އެކުންފުނިތަކުން ޤަބޫލުކުރާ ކަމެވެ.
"މުދައު ލިބުމުގަ ދަތިކަމެއް ނެތް! ޤަވާއިދުން ދަނީ މުދައު ލިބެމުން! ދެން އެކަމަކު ރޯދައަށް ކޮންމެވެސް ވަރަކަށް އަގު އުފުލޭނެ ދެއްތޯ؟" ވިދާޅުވިކަން ފާހަގަކުރެވުނެވެ. އެއިގެ މާނައަކީ މުދަލުގެ އަގު އުފުލަން ނުޖެހުނު ނަމަވެސް ރަމަޟާން މަހު "ކޮންމެވެސް މިންވަރަކަށް އަގު އުފުލައިލުމަކީ ރޯދައިގެ ފަރުޟެއް" ކަމެވެ.
މުދަލުގެ އަގު އުފުލަންޖެހޭ ސަބަބަކީ ވިކޭ މިންވަރު އިތުރުވުމުން ކަމަށްވާނަމަ އެއީ ވިޔަފާރީގެ އުޞޫލުން ބެލި ނަމަވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ދީނީ ގޮތުން ބެލި ނަމަވެސް އެއީ ހުއްދަކަމެއްވެސް ނޫނެވެ.
މިކަމުގައި ފާހަގަކުރަން ޖެހޭ ކަމަކީ ބައެއް ކުންފުނިތަކަށް ރަމަޟާންމަހު މުދަލުގެ އަގު އުފުލުމަކީ ކޮންމެހެން އަދާކުރަން ޖެހޭ "ފަރުޟެއް" ކަމަށް ބެލެވުނު ނަމަވެސް ހެޕީމާކެޓް ފަދަ ކުންފުނިތަކުން އަގުހެޔޮކުރުމަކީ ވާޖިބެއް ކަމަށް ދެކެގެން ރަމަޟާން މަހަށް މުދަލުގެ އަގު ހެޔޮކުރާ ކަމެވެ.