ޢާއްމު ދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތައް "ޑިސް-އިންފެކްޓް" ކުރަނީ!

ކިޔުމަށް ހޭދަވާނީ 1މ 37ސ
ޢާއްމު ދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތައް "ޑިސް-އިންފެކްޓް" ކުރަނީ!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19ގެ ނުރައްކާ ކުޑަކުރުމުގެގޮތުން ޢާއްމުދަތުރުފަތުރުގައި ބޭނުންކުރާ ވެހިކަލްތައް "ޑިސް-އިންފެކްޓް" ނުވަތަ ޚާއްސަ ވަސީލަތްތައް ބޭނުންކޮށްގެން ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގައި އާއްމުދަތުރު ފަތުރުގެ ޚިދުމަތް އެންމެ ފުޅާދާއިރާއެއްގައި ދެމުން އަންނަ އެމް.ޓީ.ސީ.ސީއާއި އެމް.ޕީ.އެލު އިންވެސް ވަނީ ދަތުރުފަތުރުގެ ޚިދުމަތްތައް ދިނުމުގައި އެކުންފުނިތަކުން ބޭނުންކުރާ ވެހިކަލްތަކުން ޖަރާސީމު ނައްތާލައި ޢާއްމު ސާފުތާހިރުކަން ކަށަވަރުކުރުމުގެ ގޮތުން ޑިސް-އިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ.

އެމް.ޓީ.ސީ.ސީން ބުނީ ކޮންމެ ދުވަހަކު މީހުން ދަތުރު ކުރާ ވެހިކަލްތައް މިހާރު ޑިސް-އިންފެކްޓް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން، ހުޅުމާލެއިން ހުޅުލެއަށް ދުއްވާ ބަހާއި ޕްރައިވެޓް ހަޔަރގެ ގޮތުގައި ދުއްވާ ކާރުތަކާއި، ހުޅުމާލޭގެ ތެރޭގައި ދުއްވާ ބަސްތައް ޤަވާއިދުން ޑިސް-އިންފެކްޓް ކުރަމުން ގެންދާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން އެމް.ޕީ.އެލުންވެސް ވަނީ ސިނަމާލޭ ބްރިޖުން މެދުވެރިިކޮށް ބަހުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ބަސްތައް ސެނިޓައިޒްކޮށް ޑިސް-އިންފެކްޓް ކުރުމުގެ މަސައްކަތް ޤަވާއިދުން ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

މާލެއާއި، ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު ބަސް މެދުވެރިކޮށް ދަތުރުކުރެއެވެ. ޢާއްމު ސާފުތާހިރުކަމަށްވެސް ޚާއްސަ އިސްކަމެއްދިނުމަށް މިޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތްދޭ ކުންފުނިންތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮވިޑް19އާ ގުޅޭ މަޢުލޫމާތާއި މިބަލިން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތަކުގެ މަޢުލޫމާތު، ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުންވަނީ އެޗް.ޕީ.އޭ މެދުވެރިކޮށް، އެމް.ޓީ.ސީ.ސީއާއި އެމް.ޕީ.އެލްއާއި ޓެކްސީގެ ޚިދުމަތްދޭ ސެންޓަރުތަކާވެސް ހިއްސާކުރައްވާފައެވެ.

މިއަދު އޮންލައިން