އާފިޔާގެ މައްޗަށް ހުކުމް އިއްވުން ފަސްކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 31ސ
އާފިޔާގެ މައްޗަށް ހުކުމް އިއްވުން ފަސްކޮށްފި!

ރަހުމްކުޑަ ގޮތަކަށް މަރާލި ވ. ރަކީދޫއަށް އުފަން މުޙައްމަދު އިބްތިހާލު، ގަސްތުގައި މަރާލިކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ އޭނާގެ މަންމަ އާފިޔާ މުޙައްމަދަށް ހުކުމް އިއްވުން ފަސްކޮށްފިއެވެ.

މިމައްސަލައިގެ ޚުލާސާ ބަޔާނެއް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ވަނީ އިއްވާފައެވެ. އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވާއިރު، ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައިވަނީ އާފިޔާ ދިން އަނިޔާތަކާ ގުޅިގެން އިބްތިހާލުގެ ފުރާނަ ގޮސްފައިވާތީއެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެކި ފަހަރުމަތިން އިބްތިހާލަށް އަނިޔާކޮށް، އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ އަމަލުކޮށްފައިވާތީއެވެ.

ކްރިމިނަލް ކޯޓުން ބުނީ މިމައްސަލައިގެ ދިރާސާ އަދިވެސް ކުރަމުން ދާތީ މައްސަލައަށް ހުކުމް ކުރުން އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށާއި މިމައްސަލަ އާފިޔާގެ މައްޗަށް "ޝައްކެއް ނެތް" މިންވަރަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އާފިޔާގެ މައްޗަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.

ދައުލަތުން ވަނީ މި މައްސަލާގައި އާފިޔާ ކުށަށް އިއުތިރާފުވެފައިވާކަން ފާހަގަކޮށްފައެވެ. ފަނޑިޔާރަކާއި ވަކީލެއްގެ ހާޒިރުގައި އާފިޔާ ވެފައިވާ އިއުތިރާފަކީ ގަޟާއީ އިއުތިރާފެއް ކަމަށާއި ގާނޫނީ ހަމަތަކުން ބަލާއިރު، އާފިޔާގެ އެ އިއުތިރާފަށް ރުޖޫއު ނުވެވޭނެ ކަމަށްވެސް ދައުލަތުން ބުންޏެވެ.

މީގެއިތުރުން ނަފްސާނީ ޑޮކްޓަރުންގެ ރިޕޯޓުތަކަށް ބަލާއިރުވެސް އާފިޔާއަކީ ހަމަ ބުއްދި ފިލައިގެންދާ ވަރުގެ އެއްވެސް ބައްޔެއް ހުރި މީހެއް ނޫންކަން ސާބިތުވާ ކަމަށާއި އާފިޔާގެ ވިސްނުމުގެ ތޫނުފިލި ކަމާއި، ކަންކަން ދެނެގަތުމުގެ ގާބިލިއްޔަތުކަން އާދައިގެ އެހެން އިންސާނުންނެކޭ އެއް ހަމައެއްގައި ހުރި ކަމަށް ނަފްސާނީ ޑޮކްޓަރުންނާއި ހަވާލާދީ ދައުލަތުން ބުނެފައިވެއެވެ.

މިއަދު އޮންލައިން