މިރާރު ރާއްޖެއިން ވެސް ފެނިފައިވާ ކޮރޯނާވައިރަސް ގެ ސަބަބުން އެ ވައިރަށް ރާއްޖޭގައި ފެތުރިގެން ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ގޮތުން ޖުމްހޫރީ މާލޭގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ޖުމްހޫރީ މައިދާނާއި، ސަލްޓަންޕާކް އަދި މާލޭގެ ހުރިހާ ޕާކްތައް އާންމުންނަށް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކޮށްފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިތަންތަން ބަންދުކުރަން ނިންމީ ކަމަށެވެ.