"އަހަރު ފެށިގެން 80 އިންސައްތަ އޮކިޔުޕެންސީ ޢާއިއެކުގަ. ޖަނަވަރީ މަހު ދައްކަން ޖެހޭ ކުއްޔާ ޓެކްސްތައް ދެއްކިފަ ވަނީ. ދެން އޮތީ ފުރަތަމަ ކްއާޓަރުގެ ކުއްޔާ ޓެކްސްތައް. މިހާރުވެސް މިވަނީ އޮކިޔުޕަންސީ 40 އިންސައްތައަށްވުރެ ވެސް ދަށްވެފަ. މަސް ނިމޭއިރު 20 އިންސައްތައަށް ވެއްޓިދާނެ ކަމުގެ ބިރު އެބައޮތް މިހާރު. ދައްކަން ޖެހޭ ކުއްޔާ ޓެކްސްތަކެއް ނުދެއްކޭނެ. ސަރުކާރުގެ އެހީތެރިކަން ނުލިބިއްޖެ ނަމަ ދާނީ ހަމަ ވަރަށް ބޮޑަސް އިނދަޖެހިގެން. ހަމަ އެކަނި ރިޒޯޓްތައް ހިންގާ ފަރާތްތަކެއް ނޫން އިނދަޖެހޭނީ. މުޅި ޤައުމުގެ އިޤްޠިޞާދު ދާނީ އިނދަޖެހިގެން."
މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި ޢާންމު ވިޔަފާރީގައިވެސް އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅެއްގެ ވިސްނުންފުޅު ހުރި ގޮތް މިއަދުނޫހާއި ހިއްބާކުރައްވަމުން މިއަދު ވިދާޅުވި ވާހަކަފުޅެކެވެ.
އޭނާ ވިދާޅުވީ ކޮންމެ ފަދަ ޙާލަތެއް މެދުވެރިވި ނަމަވެސް މުވައްޒިފުން މަދުކުރެވޭނީވެސް އަދި މުސާރަތައް ކުޑަ ކުރެވޭނީ ވެސް ވަކި ވަރަކަށް ކަމަށެވެ. އަދި މުސާރަތައް ކުޑަކޮށް މުވައްޒިފުން މަދުކުރުމަކީވެސް ޙައްލު ނޫން ކަމަށެވެ.
"ކިތައް ހާސް ޢާއިލާތޯ ނިކަމެތިވެގެންދާނީ؟ ސަލާން ޖަހަން ނުކުންނަން ޖެހޭނީ؟ ސަލާން ޖެހީމާ އެހީތެރިވެދެވޭނީ ކިތައް މީހުންނަށްތޯ؟ ކޮން މުވައްޒިފެއް އަތުގަތޯ އެކަށީގެންވާ ސޭވިންގްސްއެއް ހުންނާނީ؟ އެންމެންވެސް އުޅެނީ ލިބޭ މުސާރައިން މިހާރުވެސް ދެކޮޅު ނުޖެއްސިގެން."
އޭނާ ވިދާޅުވީ މިފަދަ ޙާލަތެއްގައި އެންމެ މުހިންމު އެއް ފިޔަވަޅަކަށްވާނީ ރިޒޯޓުތަކުން ދައްކަން ޖެހޭ ކުއްޔާއި ޓެކްސް ދެއްކުން ލަސްކޮށްލައި ދިނުން ކަމަށެވެ. ޖުރުމަނާތައް ނުކުރުން ކަމަށެވެ. "ޤައުމުގެ އިޤްޠިޞާދަށް ވިސްނާ ޤައުމުތަކުން މިހާރުވެސް ވަނީ ވިޔަފާރިތަކަށް މިފަދަ އިނާޔަތްތަކެއް ހަމަޖައްސައިދީފަ. އެހެން ނޫނީ މުޅި ޤައުމުގެ އިޤްޠިޞާދަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެތީ އެކަން އެގޮތަށް އެކުރަނީ."
"ޖީއެސްޓީ އާ ޓީޖީއެސްޓީ ދެއްކިދާނެ. އެއީ އަތަށް އަރާ އެއްޗަކުން ދައްކަން ޖެހޭ އެއްޗެއް. ނަމަވެސް ކުއްޔާ ދެން ހުރި ޓެކްސްތަކަކީ ވިޔަފާރި ކުރެވި އާމްދަނީ ލިބިގެން ނޫނީ ދެއްކޭނެ އެއްޗެއް ނޫން. ފަޅު ކިތަންމެ ރީތިވެފަ ރަށް ކިތަންމެ ބޮޑު ނަމަވެސް އާމްދަނީ ލިބޭނީ ބޭނުންކުރާނެ ފަތުރުވެރިން އައިސްގެން ނޫންތޯ؟ ވީމާ ސަރުކާރުން މިކަންކަމަށް ވިސްނައިގެން ހައްލުތަކެއް ހޯދައިދޭނެ ކަމުގެ އުންމީދުގައި އަޅުގަނޑުމެން މިތިބީ." އޭނާ ވިދާޅުވިއެވެ.
"ބޮޑެތި ނަންތަކެއް ކީ ނަމަވެސް ކުންފުނިތަކުގެ ރިޒަރވަކު ނެތް ފައިސާއެއް. ސޭވިންގްސް އެއް ނެތް. ހުރިހާ އެންމެންވެސް މަސައްކަތްކުރަނީ ހަމަ ލޯނު ނަގައިގެން. ލޯނު ނުދެއްކުނީމާ ބޭންކުތަކުން ފަހަތުން ދުވާނެ ފިޔަވަޅުވެސް އަޅާނެ. އިންޓަރެސްޓް މައްޗަށް އިންޓަރެސްޓް ވެސް ދާނީ އަރަމުން. ވީމާ ދުނިޔެއަށް ކުރިމަތިވި މި ބޮޑު ވަބާ އާއި ގުޅިގެން ބޭންކުތަކުގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ބޭނުންވޭ. ނޫނީ ސަލާމަތެއް ނުވެވޭނެ." ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އަލަށް ނަގަން ފަށާ އިންކަމް ޓެކްސް ނެގުން ވެސް މިއަހަރު މަޑު ޖައްސާލައި ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ހަމަޖެހިލާނެ ފުރުޞަތެއް ދިނުމަކީވެސް މިފަދަ ދަނޑިވަޅެއްގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ވިސްނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު މިއަދު ވަނީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން މަސައްކަތްކުރާ ކަމަށް އިޝާރާތް ކުރައްވައިފައެވެ.