އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންދާ، ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ، އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ރުސްތުމް ހައްޔަރު ކުރީ އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފާޑުކިޔައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ދިވެހި މުޖުތަމައުގެ ސުލްހަމަސަލަސްކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.
ރުސްތުމް ހައްޔަރު ކުރީ މާލޭގައި ހުއްޓާ މިއަދު ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައިގައި 37 އަހަރުގެ ރުސްތުމް މީގެ ކުރިން ހައްޔަރުކޮށްފައި ހުއްޓާ މިދިޔަ ހަފްތާގައި އޭނާ ދޫކޮށްލަން ތިނަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.