ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިރާގު މޯބައިލް ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން އެ ކުންފުނީގެ މޮބައިލް ޕޯސްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް މާރިޗު އަދި އެޕްރިލް މަހުގައި ދިނުމަށް ނިންމައިފިއެވެ.
ދިރާގު ބުނެފައިވަނީ އެކުންފުނީގެ ޕްރީޕެއިޑް ޕްރީޕެއިޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ އެލަވަންސް ޕްރީޕެއިޑް މަންތްލީ ޑޭޓާ ބަންޑަލްސް ތަކުން ދޭން ވަނީ ހަމަޖައްސާފައިއެވެ. މީގެ އިތުރުން، މިދުވަސްވަރު ކޯލް ކުރުމުގެ މުއާމަލާތްތައް އިތުރުވާނެ ކަމުން، ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ވޮއިސް އެޑް-އޮން ކަމަށްވާ "ވޮއިސް15"ގެ އަގު %50 ވަނީ ކުޑަކޮށްފައި ކަމަށެވެ.
އަދި ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ތެރެއިން ޑޭޓާ އެކުލެވިގެންވާ ހުރިހާ ޕްލޭނަކަށް ހިލޭ އިތުރު ޑޭޓާ ލިބިގެންދާނެކަމަށެވެ. އެގޮތުން އެ ކަސްޓަމަރެއްގެ ޕްލޭނަކާ އެކަށީގެންވާ ގޮތަށް އެންމެ ކުޑަ ޕްލޭނުން ފެށިގެން 500އެމްބީ އާއި 10ޖީބީ އާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެއެވެ. މާރިޗު މަހުގެ އިތުރު ޑޭޓާ މިހާރު ވަނީ "ކަނެކްޓް ޑޭޓާ" ގެ ނަމުގައި ކަސްޓަމަރުންނަށް ދީފައިއެވެ. ލިބިފައިވާ އިތުރު ޑޭޓާ ކަސްޓަމަރުންނަށް ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.
ކޮވިޑް 19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ މި ހިނގާ މާރިޗް އަދި އެޕްރީލް މަހުގައި ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ނިންމާ އަދި މާރިޗު މަހުގެ އިތުރު ޑޭޓާ މިހާރު ވަނީ ކަސްޓަމަރުންނަށް ލިބިފައިއެވެ. އަދި މީގެ އިތުރުން ދިރާގުން އިއްޔެ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކަސްޓަމަރުންގެ ފިކްސްޑް ބްރޯޑްބޭންޑްގެ މަހު ފީ އިން %25ގެ ޑިސްކައުންޓެއް ދޭން ކަނޑައަޅާ، ގެސްޓްހައުސް އިންޓަނެޓް ޕެކޭޖެތަކުގެ މަހުފީ އިންވެސް %25 ޑިސްކައުންޓް ދޭން ވަނީ ކަނޑައަޅާފައިއެވެ.
ދިރާގުން އަބަދުވެސް ބަލަނީ ޤައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށެވެ. މީގެ އިތުރުންވެސް ދިރާގުން ވަނީ އިތުރު ކަސްޓަމަރ ސެގްމެންޓްތަކަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ.