ކޮވިޑް-19 ޕެންޑަމިކް އާ ގުޅިގެން ރާއްޖެއަށާއި މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަހަރީ ދުވުމުގެ ޙަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް)ގެ 14 ވަނަ ދުވުމުގެ ޙަރަކާތް މިއަންނަ އަހަރަށް ފަސްކުރަން ނިންމައިފިއެވެ.
އަދި ހަމަ އެއާއެކު، ކޮވިޑް19 މުޖުތަމަޢުގައި އިތުރަށް ފެތުރަނަ ނުދިނުމަށްޓަކައި އިޖުތިމާއީ ގައިދުރުކަން ދަމަހެއްޓުމަކީ އެންމެ މުހިންމު އެއް ކަމެއް ކަމުގައި ވުމުން، މީހުން ގިނައިން އެއްވާ އެއްވެސް ބޮޑު ހަރަކާތެއް މި އަހަރު ދިރާގުން ނުބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައިއެވެ.
ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީ ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކުން އެތަށް ހާސް މީހުން ބައިވަރިވާ ހަރަކާތެކެވެ. މެދުކެނޑުމެއް ނެތި 13 އަހަރު ވަންދެން ރާއްޖޭގައި ބާއްވަމުން އަންނަ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ފަސްކުރަން ޖެހުން ވެގެން ދިޔައީ ދިރާގަށް ވަރަށް ދަތި އަދި ހިތާމަވެރި ނިންމުމަކަށެވެ.
އެހެން ނަމަވެސް، ދުވުން ތެރިންނާއި މުޖްތަމަޢުގެ ދުޅަހެޔޮ ޞިއްޙަތާއި، ސަލާމަތާއި ރައްކާތެރި ކަމަކީ ދިރާގުން އެންމެ މުހިންމު އަދި އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައްތަކެވެ.
ދިރާގުން ދަނީ ކޮވިޑް19 އާ ގުޅިގެން ޤައުމުގެ ޙާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލަމުންނެވެ. އަދި މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށާއި، ދިރާގުގެ މުވައްޒަފުނަށާއި، ސަރުކާރާއި ކަމާ ބެހޭ އިދާރާތަކާއި އަދި މުޅި މުޖުތަމަޢަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ހުރިހާ ދުވުންތެރިން މި ވޭތުވެދިޔަ 13 އަހަރު ކެނޑިނޭޅި ދެމުން ގެންދިޔަ ސަޕޯޓަށާއި އެއްބާރުލުމަށް ދިރާގުން ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މިއަންނަ އަހަރު، މި ޕެންޑަމިކް އިން ސަލާމަތް ވެއްޖެ ކަމުގައި ވަނީ ނަމަ، އިތުރު ފުރިހަމަކަމާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބާއްވާނެ ކަމުގެ ޔަގީންކަން ދިރާގުން އަރުވަމެވެ.
ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ޒިންމާދާރު އަދި އެއްބައިވަންތަ ގޮތުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމަށެވެ.
ދިރާގުން އެދެނީ، ހުރިހާ އެންމެންވެސް މި ދަނޑިވަޅުގައި ޞިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކޮށް، ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ.