ދިރާގާއި ރާއްޖޭގެ ގޭމް ޑިވެލޮޕަރ އެއް ކަމަށްވާ "އަރސިލްސް" ގުޅިގެން ރާއްޖޭގެ ފުރަތަމަ އޮންލައިން މަލްޓި ޕްލެޔަރ ނުވަތަ އެކަކަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ކުޅެވޭ މޯބައިލް ގޭމެއް ތައާރަފުކޮށްފިއެވެ. މި ގޭމަށް ކިޔަނީ "ތަކުރު ވޯރސް" އެވެ.
ދިރާގުނ ބުނެފައިވަނީ މި ގޭމަކީ ދިވެހި ރާއްޖޭގެ އާދަކާދައާ، ތާރީޚާއި ސަގާފަތާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ގޭމެއްކަމަށާއި މި ގޭމުން ދައްކުވައިދޭނީ ދިވެހި ކެރެކްޓަރ ތަކާއި މާހައުލުތަކެއްކަމަށެވެ.
މި ގޭމްގައި މައިގަނޑު 5 ދިވެހި ކެރެކްޓަރަސް އުޅޭނެއެވެ. އަދި ބޭނުން ގޮތަކަށް މި ކެރެކްޓަރތައް ކަސްޓަމައިޒް ވެސް ކޮށްލެވޭނެއެވެ. އަދި މި ކެރެކްޓަރ ތަކުގައިވާ "ސުޕަރ ޕަވަރސް" އަދި ޚާއްސަ ހަތިޔާރުތައް ބޭނުންކޮށްގެން އެހެން ގޭމަރސް އާ ވާދަކޮށް ލީޑަރބޯޑްގެ އެންމެ ކުރިއަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގުގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ "އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދިނުމަށް. އެގޮތުން، އަޅުގަނޑުމެން އުންމީދު ކުރަނީ އިޖުތިމާޢީ ގައިދުރުކަން އިސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި މި ގޭމަކީ ކަސްޓަމަރުން މުނިފޫހިފިލާ، ރައްޓެހިންނާ އާއިލާއާ އެކު ދުރުގައި ހުއްޓަސް އެކީ ކުޅެވޭނެ ކަހަލަ މަޖާ ގޭމަކަށް މި ގޭމް ވެގެން ދާނެ'' ކަމަށެވެ.
އަރސިލްސް ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ޝާފިއު ވިދާޅުވީ "އަޅުގަނޑުމެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް ރާއްޖޭގައި ގޭމް އުފެއްދުމަށް. އަޅުގަނޑުމެން މި ކުންފުނި ހެދުމުގެ މަގުސަދަކީވެސް އެއީ. މި ހުވަފެން ހަގީގަތަކަށް ވުމުން އެކަމާ ވަރަށް އުފާކުރަން. އަދި އަޅުގަނޑުމެންގެ މި މަސައްކަތުގައި ދިރާގުން ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަން. ދިރާގާ އެއްކޮށް މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.
މި ގޭމް މިހާރު ޕްލޭ ސްޓޯރ އަދި އެޕް ސްޓޯރ އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. ގޭމް ޑައުންލޯޑް ކޮށްލުމަށް https://appurl.io/AZIVmOZDq