ދިރާގުގެ "ނައުއެމްވީ" މެދުވެރިކޮށް އެހީގެ "ހެވަތަ" ޕްރޮގްރާމަށް އެހީވުމުގެ ފުރުސަތު ފަހިވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ދިރާގުގެ "ނައުއެމްވީ" މެދުވެރިކޮށް އެހީގެ "ހެވަތަ" ޕްރޮގްރާމަށް އެހީވުމުގެ ފުރުސަތު ފަހިވެއްޖެ

ދިރާގުން ތަރައްޤީކޮށްފައިވާ "ނައުއެމްވީ" އެޕްލިކޭޝަން މެދުވެރިކޮށް "ހެވަތަ" ޕްރޮގްރާމަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެހީ ޖަމިއްޔާއިން ކުރިޔަށްގެންދާ "ހެވަތަ" ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގައި ދިރިއުޅޭ ނިކަމެތި ޢާއިލާތަކަށް އެހީވުމުގެ ފުރުސަތު "ނައުއެމްވީ" މެދުވެރިކޮށް އިތުރަށް ފަހިވެފައިވެއެވެ. 

އެހީ ޖަމިއްޔާއިން ކުރިޔަށްގެންދާ "ހެވަތަ" ޕްރޮގްރާމަކީ ދިރިއުޅުމުގެ ޙާލަތު ދައްވެ، ފުދުންތެރިކަން ކުޑަވެފައިވާ ޢާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ. އެހީ ޖަމިއްޔާއިން މަޢުލޫމާތުދޭގޮތުގައި "ހެވަތަ" އިން އެހީވާ ޢާއިލާތަކަކީ ލިބޭ އާމްދަނީއިން ޟުރޫރީ ބޭނުންތަށް ފުއްދާނުލެވޭ، ނުވަތަ އެފަދަ ބޭނުންތައް ފުއްދޭވަރުވާނަމަ، އޭގެ އިތުރުން ކުއްލިއަކަށް ކުރިމަތިވާ އެއްވެސް ކަމެއްގައި ހޭދައެއް ކުރެވޭވަރު ނުވާ ޢާއިލާތަކެވެ. 

މީގެއިތުރުން ދިރާގުގެ "ނައުއެމްވީ" އެޕްލިކޭޝަނުގައި "ހެވަތަ" ޕްރޮގްރާމް ހިމެނުމާއެކު މިފަދަ ނިކަމެތި ޢާއިލާތަކަށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހަކަމާއެކު ކުރުމުގެ ފުރުސަތު އޮތްކަން އެހީއިން ހާމަކުރެއެވެ. 

މި ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެހީ ޖަމިއްޔާގެ ހޮޓްލައިން ނަންބަރު 7803433 ނުވަތަ ހެވަތަ ހޮޓްލައިން ނަންބަރު 9133433 މެދުވެރިކޮށް މަޢުލޫމާތު ލިބޭނެއެވެ. 

"ހެވަތަ" ޕްރޮގްރާމްގެ ދަށުން ވަނީ 20 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެހީ އިން މަޢުލޫމާތުދޭގޮތުގައި "ހެވަތަ" މެދުވެރިކޮށް އެފަދަ ޢާއިލާތަކަށް އެއް މަސްދުވަހަށް ބޭނުންވާ ކާބޯތަކެތީގެ ގޮތުގައި ހަނޑޫ، ހަކުރު، ފުއް، ކައްކާތެޔޮ، އަދި ދަޅުމަހުގެ އިތުރުން ކުޑަކުތިންގެ ކާނާއާއި، ނެޕީފަދަ ތަކެތި ފޯރުކޮށްދެއެވެ. 

"ހެވަތަ" ޕްރޮގްރާމްގެ އިތުރުން، އެހީ ޖަމިއްޔާއިން އަންނަނީ ކޮވިޑް 19 ގެ ހާލަތާއި ގުޅިގެން ހާލުގައި ދިރިއުޅެމުން އަންނަ ޢާއިލާތަކަށާއި ބިދޭސީއިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަދު އޮންލައިން