ދިރާގުން މިއަދު އެކުންފުނީގެ ހޯމް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ތައާރަފުކޮށްފިއެވެ.
މިއައި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޓާ އާއި ސްޕީޑް ލިބިގެންދާނެއެވެ.
ދިރާގުން މި އަޕްގްރޭޑް ތައާރަފުކޮށްފައިވަނީ ޑިޖިޓަލް ޓެކްނޮލޮނީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގައި އަދި ވަކިން ޚާއްސަކޮށް އިންޓަނެޓަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދުވަސްކޮޅެއްގައިއެވެ. ވޭތުވެ ދިޔަ މަސްތަކުގައި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތަން ފެނުމާއެކު، ދިރާގުން ގަސްތުކުރީ، ކަސްޓަމަރުންނެގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ހޯމް ފައިބަރ އިންޓަނެޓް ޕެކޭޖަތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަކަށް ޕެކޭޖްތައް އަލުން ފަރުމާ ކުރުމަށެވެ.
ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް %20 އާއި %65 އާ ދެމެދުގެ އިތުރު ޑޭޓާ އަދި މާ ރަގަޅު ސްޕީޑްވެސް ލިބިގެންދާނެއެވެ. ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެއެވެ.