ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކްވުމުގެ ހާދިސާއެއް ހިނގައިފި ޙާލަތެއްގައި ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ބޭނުންވާ އާލާތްތައް ޖަޕާނުން ހަދިޔާކުރުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޖަޕާނަށް ޝުކުރު އަދާކުރައްވައިފިއެވެ.
43.3 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނުން ރާއްޖެއަށް ހަދިޔާކުރުމުގެ އެއްބަސްވުމުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އޭރު ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ކަޒޫމީ އެންޑޯއެވެ. އަދި އެރަސްމިއްޔާތުގައި އޭރު ރާއްޖެއަށް ވަޑައިގެން އުޅުއްވި ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މުޝީރު ކެންޓާރޯ ސެނައޯރާވެސް ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުން ވެދެއްވި އެހީތެރިކަމަށްޓަކައި އެގައުމުގެ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ. މިއަދު ހެނދުނު ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ވަނީ ދިވެހި ސަރުކާރާ ހަވާލުކުރައްވާފައެވެ.