މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ.
ފުލުހުން ބުނެފައިވަނީ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެންވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށާއި ހަމަ އެދުވަހުގެ ރޭ 22:45 ހާއިރު ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ފެނިފައެއް ނުވާކަމަށެވެ.
ޝިރުމީނާ އަބޫބަކުރު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެކެވެ.
ޝިރުމީނާ އަބޫބަކުރާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން ވަނީ އެދިފައެވެ.