އަމާން މަޑިފުށީގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 1މ 51ސ
އަމާން މަޑިފުށީގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ތ. މަޑިފުށީގައި ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މަޑިފުށީ ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ވިޔަފާރިވެރިންނާ ބައްދަލުކޮށްފައިވެއެވެ. އެ ބައްދަލުކުރުމުގެ ތެރެއިން ކުޑަކުދިން ކުށުގެ ވެއްޓަށް އެންމެބޮޑަށް ހުށަހެޅެން ދިމާވާ ސަބަބުތަކާއި ވިޔަފާރިވެރިންނަށް ކުޑަކުދިންނާ މެދު ނޭނގި ވެވެމުންދާ އިހުމާލުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެފަދަ ކަންކަމުން ކުޑަކުދިން ދުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ރަށުތެރޭގައި އާންމުވެފައިވާ ކުށްތަކާ އަދި ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން ކުށްކުރުމަށް އޮންނަ ފުރުސަތު ނައްތާލުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ހުއްޓުވައި، އެފަދަ ކަންކަން ވިޔަފާރިވެރިންގެ ސަމާލުކަމަށް ގެނެސް ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މިފަދަ ކަންކަން ހައްލުކުރުމަށް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމާއި ހާއްސަކޮށް ވައްކަމުގެ މައްސަލަތަކުން ސަލާމަތްވެތިބުމަށް، ވިޔަފާރި ބަންދުކޮށްފައި ދާއިރު ފައިސާ ނުބެހެއްޓުމާއި ތަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ސީސީޓިވީ ކެމެރާ ހަރުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، ބިދޭސީންނާއި 18 އަހަރުން ދަށުގެ ކުޑަކުދިން ކޭޝިއަރުންގެ ގޮތުގައި ނުބޭތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ވައްކަމުގެ އެއްވެސް އަމަލެއް ހިންގައިފިނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ލޭންދޭނަށް ކަސްޓަމަރުންނަށް މުދާ ދިނުމުގައި ހަރުދާނާ ގޮތެއްގައި މުދާ ހަވާލުކުރުމަށާއި، އަދި މިގޮތަށް މުދާ ހަވާލުކުރާއިރު ލިޔެކިޔުމުން ފެންނަން އޮންނާނެފަދަ ގޮތަކަށް ކަންކަން ބެލެހެއްޓުމަށް އިރުޝާދު ދީފައިވެއެވެ.

މަޑިފުށި ޕޮލިސް ސްޓޭޝަނުން މި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު ކުޑަ މަޖުތަމައެއް އެ ރަށުގައި ގާއިމު ކުރުމާއި ރަށުގައި ކުށްމަދު ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިއަދު އޮންލައިން