ސުރުޚީގެދަށުން ލިޔާނެ ޚަބަރެއް އަދި ނެތެވެ. އޮތީ 2019 ވަނަ އަހަރުގެ ޖުންމަހު 23 ވަނަ ދުވަހު ވިދަޅުވިވާހަކައިން ހެދިޚަބަރެވެ! މަސައްކަތް އެނގުނު ނަމަވެސް ދިވެހިންނަށް ބޭނުންވާ މުސާރަ ނުލިބޭތީ ވަޒީފާ ނުލިބި ބާކީވެފައި ތިބި ގިނަ އަދަދެއްގެ ޒުވާނުން އެދުވަހުން ފެށިގެން އިންތިޒާރުކުރަނީ ނައިބް ރައީސްގެ ފަހތްޕުޅުގައި ނުކުމެ މަސައްކަތްކޮށްގެން އެކަށީގެންވާ އުޖޫރައެއް ލިބޭނެ ދުވަހަކަށް ކަމަށެވެ.
ރާނާށާ ވަޑާން ކުރަންވެސް އެނގޭ!- ކޮންސްޓްރަކްޝަން ގްރޫޕެއް ގޮވައިގެން މަސައްކަތު ނުކުންނަން ތައްޔާރު!: ނައިބް ރައީސް
23 ޖަނަވަރީ 2019
ޢަބްދުއްލަޠީފް
ރާނާށާއި ވަދާން ކުރަންވެސް އެނގިވަޑައިގަންނަވާ ކަމަށާއި މަސައްކަތް ކުރާނެ ކޮންސްޓްރަކްޝަން ގްރޫޕެއް ގޮވައިގެން މަސައްކަތް ކުރައްވަން ނުކުމެވަޑައިގަންނަވަން ވެސް ހުންނެވީ ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
"އަޅުގަނޑު ހަމަ އެއްވެސްވަރަކަށް ފަސްނުޖެހޭނެ، މާދަމާ ކޮންސްޓްރަކްޝަން ގްރޫޕެއް ލީޑްކޮށް، އެ ގްރޫޕެއް ގޮވައިގެން މަސައްކަތު ނުކުންނަންޖެހުނަސް، ހަމަ އެއްވެސްވަރަކަށް އަޅުގަނޑު އެކަމަކާ ފަސްނުޖެހޭނަން. އަޅުގަނޑުމެން ރާނަންވެސް ދަންނަން. ވަޑާންވެސް ކުރަން ދަންނަން. އެއީވެސް މަސައްކަތް. ވަކިކަހަލަ މަސައްކަތަކީ ހަޑި މަސައްކަތެއްގެ ގޮތުގައި ބަލާފައި، ހުތުރު މަސައްކަތެއްގެ ގޮތުގައި ބަލާފައި، ވަކި ވައްތަރެއްގެ ގަމީހެއްލައިގެން އޮފީހަށް ދިއުމަކީ އެއީ ހަމައެކަނި ރީތި މަސައްކަތަށް ބެލުމުގެ، އެ ވިސްނުން އަޅުގަނޑުމެން ދޫކޮށްލަން އެބަޖެހޭ. ޤައުމެއް ކުރިއަރައިދަނީ ހުރިހާ ވައްތަރެއްގެ މަސައްކަތް ކުރެވިގެން. ހުރިހާ ޒާތެއްގެ މަސައްކަތް ކުރެވިގެން.
އަޅުގަނޑުމެންގެ ޒުވާނުން މިއަދު ދަސްކުރަންވީ ގިނަ ކަންތައްތަކެއް ދަސްކުރާ ބައެއްގެ ގޮތުގައި ތިބެން. ހަމައެކަނި އެންމެ ކަމެއްގެ މައްޗަކަށްވެސް ނޫން. ގިނަ ކަންތައްތައް އަޅުގަނޑުމެން ދަސްކުރަން އެބަޖެހޭ. ވަޒީފާ އަދާކުރުމަކީ، މަސައްކަތް ކުރުމަކީ އެއީ އެއްވެސް ހާލެއްގައި ހުދު ގަމީހެއްލާފައި، ހަމައެކަނި ޓައީއެއް އަޅައިގެން އޮފީސް މޭޒުދޮށުގައި އުޅުމެއްނޫން."
"ހުނަރުވެނި 2019" މަޢްރަޒުގެ މުހިންމުކަން ވެސް ފައިޞަލް ނަސީމް ވަނީ ފާހަގަކުރައްވައިފައެވެ.
ފައިޞަލް މިމޭރުމުން ވިދާޅުވެފައިވަނީ "ހުނަރުވެނި 2019" މަޢްރަޒް އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.