ރާއްޖޭގެ އެންމެ ފުރަތަމަ އޮގްމެންޓެޑް ރިއަލިޓީ(އޭއާރް) ގޭމް، އާރްބީ ކުއެސްޓް މިދިޔަ ޑިސެމްބަރ މަހު އެނބުރި އައީ ޚާއްސަ ފީޗަރ ތަކާއި ސަޅި އިނާމު ތަކެއް ހިމެނޭ ޕްރޮމޯޝަނަކާ އެކުއެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ދިރާގު މަމެން ކަސްޓަމަރުންގެ އިތުރުން ދިރާގުގެ ހުރިހާ ކަސްޓަމަރުނަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވިގެންދިޔައެވެ.
ވާދަވެރި ރައުންޑް ތަކަކަށްފަހު އާރްބީ ކުއެސްޓްގެ ލީޑަރ ބޯރޑްގެ އެންމެ ކުރީގައިވާ 3 ބައިވެރިން ވަނީ މިއަދު އިއުލާންކޮށްފައިއެވެ. އެގޮތުން 21،971 ޕޮއިންޓާއެކު އެއްވަނަ އަށް ހޮވިފައިވަނީ "މާވަޑި"ގެ ނަމުން ގޭމްގައި ބައިވެރިވި މުހައްމަދު ހަސަނެވެ. އެއްވަނަ އަށް ދީފައިވާ އިނާމަކީ އައިފޯން 12 ޕްރޯ މެކްސް (128 ޖީބީ) އެވެ. ދެވަނަ އަށް ހޮވިފައިވަނީ 21،528 ޕޮއިންޓާއެކު "ލަކުޑިބޯ" ގެ ނަމުން ގޭމްގައި މަޝްހޫރު ކަން ހޯދާފައިވާ މުހައްމަދް ޖުމާން ރަޝީދެވެ. ދެ ވަނަ އަށް ދީފައިވަނީ ސެމްސަންގް ގެލެކްސީ އެސް20 އަލްޓްރާ ފޯނެކެވެ. އަދި ތިންވަނަ އަށް ހޮވުނު ފަރާތަކީ 17،259 ޕޮއިންޓާއެކު "ކަރަންފޫ" ނުވަތަ މުހައްމަދު ޝާކިރް އަލީއެވެ. ތިންވަނަ އަށް ދީފައިވާ އިނާމަކީ ސެމްސަންގް ގެލެކްސީ އެސް20 ޕްލަސް ފޯނެކެވެ. ވަނަ ވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފައި ވަނީ ދިރާގު ހެޑް އޮފީހުގައިއެވެ.
ވާދަވެރި މުބާރާތް ނިމުނު ކަމުގައި ވިޔަސް، އާރްބީ ކުއެސްޓް ގޭމް މިހާރުވެސް ޑައުންލޯޑް ކޮށް، މަމެން ކަސްޓަމަރުންނަށް މި ގޭމް ކުޅެގެން ބޯނަސް ޑޭޓާ ހޯދައި، މަމެން މޮބައިލް އެޕްލިކޭޝަނަށް ޓްރާންސްފަރ ކުރުމުގެ ފުރުސަތު އެބައޮތެވެ. މި ޕްރޮމޯޝަން 6 މާރިޗް 2021 ގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.
އާރްބީ ކުއެސްޓް ގޭމަކީ އައިއޯއެސް ގައި "އޭއާރް ކިޓް" އަދި އެންޑްރޮއިޑްގައި "އޭއާރް ކޯރ" ނަމަކަށް ކިޔާ ޓެކްނޮލޮޖީ ބޭނުންކުރާ ޒަމާނީ މޮބައިލް ގޭމެކެވެ. މި ގޭމް މި ދެ ވައްތަރުގެ ޑިވައިސްތަކަށްވެސް ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދިވެހި ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް އިތުރު ޕަރކްސް އަދި ގިނަ އިނާމުތައް ލިބޭ ކަހަލަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށެވެ.