އަޑު އިވެނީ މިވެނި އެވެނި ޤަުމެއްގެ އެހީތެރިކަމުގައި ޚާއްޞަކޮށް އިންޑިއާގެ އެހީތެރިކަމުގައި ގިނަ އަދަދެއްގެ ގޭދޮށު މަސްފެކްޓަރީތައް އަޅައިދޭ ވާހަކައެވެ. ކިތަންމެ ގިނަ ފެކްޓަރީތަކެއް އެޅިނަމަވެސް އެފެކްޓަރީތަކުގައި ޕރޮސެސްކުރާނެ މަސް ނުލިބޭނަމަ ފެކްޓަރީތަކުން ކުރާނީ ކޮންފައިދާއެއްތޯއެވެ؟
ރާއްޖޭގެ މަސްކަނޑުތަކުން ވަގަށް މަސްވެރިކަން ކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މިހާރުގެ ސަރުކާރު ވެރިކަމަށް އައިސް އިންޑިއާއަށް ރާއްޖޭގެ ކަނޑުވެސް ވިއްކައިލުމުން އިންޑިއާގެ މަސްވެރިން އެގެންދަނީ ފައުޅުގައި ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރަމުންނެވެ.
ރާއްޖޭގެ ސަރަހައްދުތަކުގައި އިންޑިއާގެ ރާދަރުތަކެއް ބަހައްޓަން އުޅުނުއިރު ބުނީ އެކަންކުރަނީ މަސްވެރިންނަށް ކަނޑުތައް ޙިމާޔަތްކޮށްދޭން ކަމަށެވެ. ނަމަވެސް އެބެހެއްޓި ރާޑަރުތަކަކީ ކަނު ރާޑަރުތަކެކެވެ. ރާއްޖޭގެ މަސްކަނޑުތަކުގައި ޙަރަކާތްތެރިވާ އެއްވެސް އުޅަނދެއް އެއަސް ފެންނަ ކަމަކަށް ނުވެއެވެ. އެ ރާޑަރުތަކުގެ ލޯކަނުއިރު މަސްވެރިންނަށް ފެނިގެން ކޯސްޓްގާޑަށް އަނގައިގެން ކޯސްތްގާދު އައިސް އަތުލައިގަންނަމަވެސް އެޅޭ ފިޔަވަޅެއް އޮންނަ ކަމަކަށް ނުވެއެވެ. ފެންނަނީ އަތުލައިގަނެވުނީތީ މާފަށް އެދޭތަނެވެ. އަދި ބަދަލުގެ ގޮތުގައި ފައިސާ ނުދޭކަމެއްވެސް ނުއެނގެއެވެ.
މަސްވެރިންނާ ގުޅުން ބަދަހިކުރަން ކުރަނވީ ކަމަކީ މަސްވެރިންނާއިއެކު ތިބިކަން ހާމަކުރުމެއް ނޫނެވެ. މޮޅު ވާހަކަތައް ދައްކައި މަސްވެރިން ހައްދަން މަސައްކަތްކުރުމެއްވެސް ނޫނެވެ. މަސްވެރިންނަށް ރީތި ނަންނަން ކިޔައި ލޭނާރުގެ ނަމުގައި ގުއިރޯނުގައި ޖެއްސުމެއްވެސް ނޫނެވެ. ރާއްޖޭގެ މަސްކަނޑުތައް ބޭރު މަސްވެރިންގެ ކިބައިން ސަލާމަތްކޮށްދިނުމެވެ.
ލައްކަ ދުވަހު މަސްވެރިން ގުއިރޯނުގައި ޖައްސައިފީމުއެވެ. ކޮންމެ މަސްވެރިންގެ ގައިންވެސް ދުވަނީ އެކަމުގެ ކުނިވަހެވެ. ވީމާ މިއަދަކީ މަސްވެރިން އެކަންކަމަށް ހޭލުންތެރިވެ ގުއިވަސް ސެންޓުގެ ވަހަށް ބަދަލުކޮށްލަން މަސައްކަތްކުރަން ފަށަންވީ ދުވަހެވެ. ބަހައްޓާފައި ހުރި ލޯކަނު ރާޑަރުތައް ނަގައި އުކާލަންވީ ދުވަހެވެ! މަސްކަނޑުތައް ޙިމާޔަތްކުރަން ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން މަސައްކަތްފަށަންވީ ދުވަހެވެ!
--ޒުވާން މަސްވެރިއެއް