މައްޗަންގޮޅި، މަޖީދީ މަގު ސަރަހައްދުގައި ޛިކުރާ މިސްކިތް ހުރި ބިމުގައި ރަމަޟާން މަހަށް ވަގުތީ މިސްކިތެއް އެޅޭތޯ އަމިއްލަ ފަރާތަކުން މަސައްކަތްކުރަމުން އެބަގެންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެފަރާތުން މިއަދު ވަނީ އިސްލާމިކް މިނިސްޓްރީއަށް ދެގޮތަކަށް ހުށަހަޅައިފައެވެ. އެއް ހުށަހެޅުމަކީ 1100 އަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އެބިމުގައި ވަގުތީ މިސްކިތެއް އަޅައިދިނުން އެދި ހުށަހެޅި ހުށަހެޅުމެވެ. ދެވަނަ ހުށަހެލުމަކީ އިސްލާމިކް މިނިސްޓްރީއަށް އެކަން ކޮށްދެވެން ނެތްނަމަ އެތަނުގައި ވަގުތީ މިސްކިތެއް އެޅުމުގެ ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމެވެ.
އެފަރާތުން ބުނެފައިވަނީ އެ ބިމުގައި މިސްކިތެއް ނެތުމުން އެތައް ސަތޭކަ ބައަކަށް މިހާރުވެސް ނަމާދުކުރަން ވަރަށް ދަތި ކަމަށާއި ރަމަޟާން މަހު އެދަތިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެކަމަށެވެ. އެހެންކަމުން ދެ ހުށަހެޅުންވެސް ހުށަހެޅީ އެތައް ބައަކު އެކަމަށް ބޭނުންވާތީ ކަމަށެވެ.
މިއަދުނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީގެ އެދުމަށް ހައުސިންގ މިނިސްޓްރީން މިހާރުވެސް ވަނީ ބިން ސާފުކޮށްދީފައެވެ.