ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ މިޔަރުގެ މަސްވެރިކަންކުރަން އަލުން ހުއްދައެއް ދިނުމަށް މަޝްވަރާކުރެވމުން އަންނަކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވިދާލުވެއްޖެއެވެ.
މަޖިލީހުގެ އިޤްޠިޞާދީ ކޮމިޓީގައި ޒަހާ ވިދާޅުވީ މިޔަރުގެ މަސްވެރިކަމުން ރާއްޖޭގެ އިޤްޠިޞާދަށް ނަފާ ހޯދިދާނެއިރު އެނަފާ ނުހޯދައި ތިބުމެއް ނެތްކަމަށެވެ. އެހެންކަމުން އެކަން ކުރެވޭނެ ގޮތަކާއިމެދު މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.
ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ ރާއްޖޭގެ ސަރަހައްދުން މިޔަރުމަދުވުމުން އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ކުރާކަމަށްބުނެއެވެ. ނަމަވެސް މިހާރު ގިނަބައެއްގެ ޝަކުވާއަކަށްވެފައި އޮތީ މިޔަރު ގިނަވުމުން މަސްވެރިކަމަށް ގެއްލުންލިބޭ ކަމެވެ.
"މިހާރު ނެތް ފަރުމަހެއް ބާނައިލެވޭކަށްވެސް. ނަނު ދަމަދަމަ އޮއްވާ މިޔަރު އައިސް މަހުގެ އެއްބައި އެބަކައިލާ!" ކަމަށް ބުނާއިރު ބައެއް ސަރަހައްދުތަކުގައި މޫދަށް އެރެންވެސް ބިރުގަންނަ ހިސާބަށް މިޔަރު ގިނަވެފައިވާކަންވެސް ފާހަގަކުރެއެވެ.
މިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަދިންނަމަވެސް އެކަން ކުރަންޖެހޭނީ ކަނޑުތަކުން މިޔަރު މަދުވެ ފަތުރުވެރިކަމަށް ގެއްލުން ނުވާނެ ގޮތަށް ކަމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީޙުން ބުނެއެވެ. "ޑައިވަރުންނަށް މިޔަރު ފެންނަންވާނެ! ކޮންމެ ޑައިވެއްގައިވެސް މިޔަރު ފެނިގެން ފަތުރުވެރިން ޑައިވްކުރަން ޝައުޤުވެރިވާނީ."