ރޮހިންޔާ ކޭމްޕްތަކުގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ރާއްޖެއިން ކަންބޮޑުވުން ފައުޅުކޮށް ހަމްދަރުދީގެ މެސެޖެއް ފޮނުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރޮހިންޔާ ކޭމްޕްތަކުގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ރާއްޖެއިން ކަންބޮޑުވުން ފައުޅުކޮށް ހަމްދަރުދީގެ މެސެޖެއް ފޮނުވައިފި

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ރޮހިންޔާ ރެފިއުޖީ ކޭމްޕްގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުލް މޮމެންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިހާދިސާ އާއި ގުޅިގެން ޢާންމުވެފައިވާ ޚަބަރުތަކަށްބަލާއިރު 10.000 އަށްވުރެ ގިނަ ޢާއިލާތައް ދިރިއުޅުނު ކޭމްޕްތައް އަނދާފައިވާއިރު 14 މީހުން މަރުވެ 400 އަށްވުރެ ގިނަ މީހުންނަށްވަނީ ވީގޮތެއް ނުއެނގިފައެވެ. ޙާލުގައި ޖެހުނު މީހުންގެ އަދަދު 400،000 އަށްވުރެ މަތިވާނެކަމަށާއި ހިސާބުތައް އެނގޭއިއރު ބޮޑުތަނުން އަދަދު މަތިވެދާނެކަމަށްވެސް ރިޕޯތްތައް ބުނެއެވެ. 

ދިވެހި ޚާރިޖިއްޔާއިން ބުނެފައިވަނީ ބަލުޚާލީ ކޭމްޕްގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން އެތައް ބައެއްގެ ގެދޮރާ ފުރާނަ ގެއްލި އަދި ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއްވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކީގައި ކަން މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވިކަމަށެވެ. އަދި އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މި ހިތާމަވެރި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ރެފިއުޖީންނާއި ބަންގްލަދޭޝްގެ ސަރުކާރަށް ހަމްދަރުދީ އާއި ތައުޒިޔާ ފޮނުއްވާކަމަށް މިނިސްޓަރ ވިދާޅުވި ކަމަށެވެ. 

މީގެ އިތުރުން މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން ވީހާވެސް އަވަހަށް އަރައިގަތުމަށް މަސައްކަތްކުރާ ފަރާތްތަކުން އެކަންކަން ފުރިހަމައަށް ގެންދަވާނެކަމަށް އުއްމީދުކުރައްވާކަމަށާއި، ގެއްލުން ލިބުން ފަރާތްތައް މިކަމުން ވީހާވެސް އަވަހަށް އަރައިގަނެވޭނެކަމަށް އުއްމީދުކުރައްވާކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިކަމަށްވެސް ދިވެހި ޚާރިޖިއްޔާއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން