ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުނުކުރާ މީހުންނަށް ދުނިޔޭގެ ކޯޓަތަކަށް ނުފެނި އުޅެވުނަސް ޤިޔާމަތްދުވަހު ޖެހޭނީ ޙާޒިރުވެ ނިކަމެތިވާން! ފިލޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 42ސ
ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުނުކުރާ މީހުންނަށް ދުނިޔޭގެ ކޯޓަތަކަށް ނުފެނި އުޅެވުނަސް ޤިޔާމަތްދުވަހު ޖެހޭނީ ޙާޒިރުވެ ނިކަމެތިވާން! ފިލޭނެތަ؟

ކައިވެނި ރޫޅޭ ހިސާބުން ދަރިންނަށް ޚަރަދުކުރުން ހުއްޓާލުމުން ކުދިންނަށް ލިބޭ ނިކަމެތިކަމަށް އަގުދައްކަން ނުޖެހިއެއް ނުދާނެއެވެ. އެދުވަހު އެކަމަށް ދެއްކޭނެ ޢުޒުރެއްވެސް ނުއޮންނާނެއެވެ.  

އެއްވެސް ޝައްކެއް ނެތެވެ. ޚަރަދުކުރެވޭނީ ލިބޭ މިންވަރަކުންނެވެ. ވީމާ ތިމާއަށް ލިބޭ މިންވަރަކުން ޚަރަދުކުރާށެވެ. ޤިޔާމަތް ދުވަހު ޙިސާބު ބައްލަވާނީ ތިބާއަށް ދުނިޔޭގަ ލިބުނު މިންވަރު ތިބާއަށްވުރެ ބޮޑަށް ދެނެވޮޑިގެންވާ ފަރާތުންނެވެ. ވީމާ އޮޅުވައެއްވެސް ނުލެވޭނެއެވެ.   

ﷲ ތަޢާލާ ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ބައްޕައަކާއި މަންމައަކު މެދުވެރިކުރައްވަވައެވެ. އެކުއްޖާގެ ކަންކަން ބަލަހައްޓައި ޚރަދުކުރަންޖެހޭ މީހަކީ ބައްޕަކަމުގައި ވަނީ ލައްވަވައިފައެވެ.  

"ހަމަކަށަވަރުން ﷲ ތަޢާލާ ކޮންމެ ބެލެހެއްޓުންތެރިޔަކާ އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާއި ބެހޭގޮތުން ސުވާލުކުރައްވާނެއެވެ. ތިބާ އެފަރާތްތަކާމެދު ރައްކާތެރިވީމު ހެއްޔެވެ؟ ނުވަތަ އެފަރާތްތަކާމެދު އިހުމާލުވިން ހެއްޔެވެ؟ ފިރިމީހާ އޭނާގެ އަހުލުވެރިންނާމެދު ކަންތައްކުރި ގޮތާ ބެހޭގޮތުންވެސް ސުވާލުކުރެވުމަށް ދާންދެނެވެ." 

ނިކަން ބުނެބަލާށެވެ! ދަރިން ލިބުމުން އަޅާނުލައި، ޚަރަދުނުކުރާ ބައްޕައިންނަށް ޤިޔާމަތް ދުވަހު ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟

ތިރީގައިވާ އާޔަތްތަކާއި ޙަދީޘްފުޅުތައްވެސް ކިޔައިލާށެވެ!   

1.    ދަރިންނަކީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ބޮޑުވެގެންވާ ނިޢުމަތެކެވެ. އަދި މަތިވެރިވެގެންވާ އިޙްސާންތެރިކަމެކެވެ. އަދި ބޮޑުވެގެންވާ ހިބަކޮށްދިނުމެކެވެ. އޭގެ ސަބަބުން އަޅާ ﷲއަށް ޝުކުރުވެރިވުމާއި ހެޔޮގޮތުގައި ބެލެހެއްޓުމާއި ރައްކާތެރިވުން ވާޖިބުވެގެންވާ ބޮޑު ނިޢުމަތެކެވެ. އެކުދީންނަކީ ހިތްތަކުގެ މޭވާތަކެވެ. ބުރަކަށިތަކުގެ ތަނބުތަކެވެ. އަދި ދުނިޔަވީ ޙަޔާތުގެ ޒީނަތްތެރިކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ 

(ٱلۡمَالُ وَٱلۡبَنُونَ زِینَةُ ٱلۡحَیَوٰةِ ٱلدُّنۡیَا) [ސޫރަތުލް ކަހްފު 46] 

މާނަ: މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.  

އަދި ރަޙްމާނުވަންތަ ﷲ ތަޢާލާ އިޚްތިޔާރުކުރައްވާފައިވާ އަޅުތަކުންގެ ދުޢާގައިވަނީ މިފަދައިންނެވެ. 

(رَبَّنَا هَبۡ لَنَا مِنۡ أَزۡوَ ٰ⁠جِنَا وَذُرِّیَّـٰتِنَا قُرَّةَ أَعۡیُنࣲ وَٱجۡعَلۡنَا لِلۡمُتَّقِینَ إِمَامًا) [ސޫރަތުލް ފުރްޤާން 74]

މާނަ: އަޅަމެންގެ ރައްބެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!  

2. ޙައްޤުތަކާއި، ޖަމްޢިއްޔާތަކާއި، އިދާރާތްތަކާއި، ދުނިޔަވީ ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރިން އިސްލާމްދީނުގައިވަނީ ތުއްތުކުއްޖާގެ ޙައްޤުތައް ކަނޑައަޅައި ނިންމަވައިފައެވެ. ޙަދީޘެއްގައި އައިސްފައިވެއެވެ: 

(وَإِنَّ لِوَلَدِكَ عَلَيْكَ حَقًّا)  ]

މާނަ: "ތިބާގެ ދަރިފުޅަށްޓަކައި ތިބާގެ މައްޗަށް ހައްޤެއްވެއެވެ." 

އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

(كُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ، … وَالرَّجُلُ فِي أَهْلِهِ رَاعٍ، وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالْمَرْأَةُ فِي بَيْتِ زَوْجِهَا رَاعِيَةٌ، وَهِيَ مَسْئُولَةٌ عَنْ رَعِيَّتِهَا))  

މާނަ: "ކޮންމެމީހަކީ ބެލެހެއްޓުންތެރިއެކެވެ. ކޮންމެ ބެލެހެއްޓުންތެރިޔަކާއި އެމީހެއްގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ބެހޭގޮތުން (ޤިޔާމަތްދުވަހުގައި) ސުވާލުކުރެވޭނެއެވެ… ފިރިހެނާއަކީ އޭނާގެ އަހުލުވެރިންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ. އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާއެވެ. އެކަނބުލޭގެ ބެލުމުގެ ދަށުގައިވާ ކަންކަމާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ." 

އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

(إِنَّ اللهَ ساَئِلٌ كُلَّ رَاعٍ عَماَّ اسْتَرْعاَهُ أَحَفِظَ ذَلِكَ أَمْ ضَيّعَ؟ حَتَّي يُسْأَلَ الرَّجُلُ عَنْ أَهْلِ بَيْتِهِ)  

މާނަ: "ހަމަކަށަވަރުން ﷲ ތަޢާލާ ކޮންމެ ބެލެހެއްޓުންތެރިޔަކާ އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާއި ބެހޭގޮތުން ސުވާލުކުރައްވާނެއެވެ. ތިބާ އެފަރާތްތަކާމެދު ރައްކާތެރިވީމު ހެއްޔެވެ؟ ނުވަތަ އެފަރާތްތަކާމެދު އިހުމާލުވިން ހެއްޔެވެ؟ ފިރިމީހާ އޭނާގެ އަހުލުވެރިންނާމެދު ކަންތައްކުރި ގޮތާ ބެހޭގޮތުންވެސް ސުވާލުކުރެވުމަށް ދާންދެނެވެ." 


- އައްޝައިޚް ޢީސާ ހުނައިން

 

 

މިއަދު އޮންލައިން