ޖަވާހިރަކީ އަގުހުރި އެއްޗެކެވެ. ނަމަވެސް ބައެއް
ޖަވާހިރުގެ އަގު ވަނީ އިންތިހާއަށް އުފުލިގެންނެވެ. ހަމައެފަދައިން ވަގުތަކީ އަގުހުރި އެއްޗެކެވެ. ވަގުތުގެ ތެރެއިންވެސް އެންމެ އަގުބޮޑު ވަގުތުވާކަން ޤަބޫލުކުރަން ޖެހޭނެއެވެ.
މީހަކު ދެކެ ލޯބިވެއްޖެނަމަ ލޯބިވެރިޔާ އާއިމެދު ވިސްނުމަށް އެތައް ރެއެއްގެ ނިދި އެބަ ނަގައިލަމުއެވެ. މިޒަމާނުގައި ހޭލާ އޮވެގެން މިކުރާ ކަމަކީ ދެމީހުންގެ މެދުގައި މެސެޖުތަކާއި ފޮޓޯތައް ބަދަލުކުރުމެވެ. އެކަކަށްވުރެ މޮޅަށް ތަޢްރީފްކުރަން އަނެކަކު މަސައްކަތް ކުރުމެވެ. ލޯބިވެރިޔާ ރުހޭހައި ޢިބާރާތްތަކުން މެސެޖު ކުރުމެވެ.
އަހަރެމެން އެންމެ ބޮޑަށް ލޯބިވާން ޖެހޭނީ ﷲ ތަޢާލާ ދެކެއެވެ. އެއީ އެއްވެސް މުސްލިމަކު ދެކޮޅު ހަދާ ކަމެއް ނޫނެވެ. ﷲ ތަޢާލާ ދެކެ ލޯބިވާކަން ބަޔާންކޮށްދޭން ރޭގަނޑުގެ ހުރިހާ ވަގުތަކު ހޭލައި ހުންނާކަށް ނުޖެހެއެވެ. އެހެންކަމާއިއެކުވެސް ﷲ ތަޢާލާ ދެކެ ލޯބިވާކަން ސާބިތުކުރަންވެސް ކުރަންޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ. އެއިގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ރޭގަނޑުގެ ބޮޑު ބައެއްގައި ނިދުމަށްފަހު ހޭލައި ދަމުނަމާދުކުރުމެވެ.
މިސާލަކަށް 10 ޖަހާއިރު ނިދާގޮތަށް 4 ޖަހަންދެން ހަމަ ނިދަންވީއެވެ. އެއިރުން ހުންނާނީ 6 ގަޑިއިރު ނިދިފައެވެ. 4 ޖެހުމުން ތެދުވެ އަވަސްކޮށްލައި ދަމުނަމާދުކޮށްލަންވީއެވެ. އެއަށްފަހު އެމިހަކު އެދޭހައި ކަމެއް ދެއްވެވުން އެދި ދުޢާކުރުންމަތީގައި ފަތިސްވަންދެން މަޑުކޮށްލަންވީއެވެ. މިއީ މިކަން ކުރަން އެދޭ މީހާއަށް އެއްވެސް ބުރަކަމަކަށް ނުވާނެއެވެ.
އެހެންކަމާއިއެކުވެސް ނިކަން ބުނެބަލާށެވެ!
ހަޔާތުގެ އެތައް އަހަރެއް ފާއިތުވެ ގޮސްފައިވާއިރު ﷲ ތަޢާލާގެ ލޯބި ލިބިގަތުމަށް ދަހިވެތިވެ މިބުނި ފަދައިން ކިތައް ރޭ އަމަލުކޮށްފިން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އަމިއްލަ ނަފްސަށް ދިނުމުން ﷲ ތަޢާލާ ދެކެ ލޯބިވެވޭ މިންވަރު އެނގޭނެއެވެ. އެއަށްފަހު ޚާއްޞަކޮށް ޒުވާނުން އެމީހުންގެ ލޯބިވެރިޔާއަށްޓަކައި އަމަލުކުރި ގޮތް، ނުވަތަ އަމަލުކުރާ ގޮތް ވެސް ހިތަށް ގެންނާށެވެ! ރަނގަޅަށް ވިސްނައިލާށެވެ! ﷲ ތަޢާލާ ދެކެ ލޯބިންވެސް ކުރަންޖެހެނީ ހަމަ އެއް ޒާތެއްގެ ކަންކަމެވެ. މިސާލަކަށް ޛިކްރް ކުރުމަކީ ﷲ ތަޢާލާއަށް ކުރެވޭ ތަޢްރީފްތަކެކެވެ. ތަޢްރީފްގެ މެސެޖުތައް ފޮނުވަން މިޖެހެނީ ﷲ ތަޢާލާއަށެވެ. ފޮނުވުމުން ދެ ދުނިޔޭގައިވެސް އެމީހަކަށް އެކަމުގެ ފައިދާ އެބަ ކުރެއެވެ.
ނަމަވެސް ފޯނަކުން ނޫނެވެ! ހިތާއި ދުލުންނެވެ! ﷲ ތާޢާލާ ދެކެ ލޯބިވުމުގައިވެސް ފޯނުގެ އެހީތެރިކަން ހޯދަންވީއެވެ. އެއީ ކީރިތި ޤްރުއާނާއި ޛިކްރްތައް ފޯނަށް އަޅައި އެ ބަލައިގެން ކިޔުމަށެވެ. ވީމާ ފޯނަކީވެސް ހަމަ ބޭނުންކުރަންވީ ވަސީލަތެކެވެ.
ނިކަން ވިސްނައިބަލާށެވެ. އިމްތިހާން ކައިރިވުމުން ފިލާވަޅު ދަސްކުރުމަށާއި އިމްތިހާނަށް ތައްޔާރުވުމަށް އެތައް ރެއެއްގެ ނިދި އެބަ ދޫކޮށްލަމުއެވެ. އެންމެ ބޮޑު އިމްތިހާނާއި ކުރިމަތިލާން ޖެހޭނީ މަރުވުމުންނެވެ. ޤިޔާމަތް ދުވަހުއެވެ. އެ އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ނިދިން އެއްވެސް މިންވަރެއް ދޫކޮށްލައިފިން ހެއްޔެވެ؟ ނުކުރެވޭނަމަ އެ އިމްތިޙާނަށް ތައްޔާރުވުމަށް ތިބާއަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ޙަޔާތުގެ ދުވަސްތަކާއި ރޭތައް ބޭކާރުކޮށް ނުލާށެވެ! ކުރިމަތިލާން ޖެހޭނެ ބޮޑު އިމްތިޙާނަށް ފުރިހަމައަށް ތައްޔާރުވާން ފަށާށެވެ.
އެ އިމްތިޙާނަށް ތައްޔާރުވުމުގައި ކުރިން މިކިޔައިދިން ކަންކަމުގެ ބޭނުން ހިފާށެވެ. ފަތިހު ނިދާފައި އޮންނަ މީހަކަށް ނުވާށެވެ. 4 ޖެހުމުން ހޭލައި އިމްތިޙާނަށް ތައްޔާރުވާން މަސައްކަތްކުރާ މީހަކަށްވާށެވެ!
ހަޤީޤަތުގައި 4 ޖަހާއިރު ހޭލައި ދަމު ނަމާދުކޮށް އަދި ފަތިސް ނަމާދުކޮށް ޛިކުރުތައް ކިޔާލައި ޤުރްއާނުން މިންވަރެއް ކިޔަވާލަން ހޭދަކުރަންޖެހޭނީ އެންމެ ދޮޅުގަޑިއެއް ހައިއިރެވެ. އެވަރުގެ ވަގުތުކޮޅެއް ﷲ ތަޢާލާއަށްޓަކައި ހޭދަނުކުރާ މީހަކަށް ތިމާ ﷲ ތަޢާލާ ދެކެ ލޯބިވާ ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟
މި ދޮޅުގަޑިއިރަކީ އެންމެ އަގުހުރި ދޮޅުގަޑިއިރުކަމަށް ބުނަން ޖެހެނީ އެ ދޮޅުގަޑިރުގެ ތެރޭގައި ދަމުނަމާދުކުރެވި ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި އަގުބޮޑު ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެ ރަކްއަތް ކުރެވި އަދި ފަތިސް ނަމާދުން ދުވަސް ފެށޭނެތީއެވެ. ފަތިސް ނަމާދުން ދުވަސް ނުފެށުނު މީހަކަށް އެދުވަސް އެވަނީ ގެއްލިފައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން