ޢިބްރަތްތެރި ވާހަކަ: އަނިޔާލިބެމުންދިއަ ކުއްޖަކު ދިފާޢުކޮށްދިނުމުން ހެޔޮލަފާ ތަނަވަސް ފިރިއެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ޢިބްރަތްތެރި ވާހަކަ: އަނިޔާލިބެމުންދިއަ ކުއްޖަކު
ދިފާޢުކޮށްދިނުމުން ހެޔޮލަފާ ތަނަވަސް ފިރިއެއް ލިބުނު އަންހެނެއްގެ ވާހަކަ-


އެއީ އަވަށްޓެރި އަންހެނެކެވެ. ޖެހިގެންހުރި ފްލެޓުން ކުޑަކުއްޖަކަށް އެއްޗެތިގޮވާއަޑު އިވެން ފެށުމުން އެއްޗެތި އެގޮވަނީ އޭނާގެ ދޮންދަރިފުޅަށްކަން ވިސްނި އެފްލެޓަށް ދިއައެވެ. ދިއައިރު ކުއްޖާލައްވައި އެއްޗެތިދޮއްވަނީއެވެ. އަތުން އުނގުޅައިގެންނެވެ. ގޭގައި ދޮންނަ މެޝިންވެސް ހުއްޓެވެ.

އަވަށްޓެރިޔާ ބުންޏެވެ. "މިއީ ނުބެހޭ ކަމެއް ކަމަށް ނުބުނާށެވެ! ތިއައީ އެންމެ 8 އަހަރުގެ ކުއްޖެކެވެ. ގޭގައި ދޮންނަ މެޝިނެއް އެބަހުއްޓެވެ. އެކުއްޖާލައްވައި ތިއަގޮތަށް އެއްޗެތި ދޮއްވުމާއި އަދި އަޑުގަދަކޮށް އެއްޗެތި ގޮވުމަކީ ކުރަން ހެޔޮވެދާނެ ކަމެއް ހެއްޔެވެ؟"  

އެހެން ބުނާއިރަށް ކުއްޖާ ރޮމުން ބުނީ މުޅި ގޭގައި މިއަދު މޮޕްލެއްވީވެސް އޭނާލައްވައި ކަމަށެވެ. އެކަމަކު ބައްޕަ އަންނައިރަށް އުޅޭނީ ވަރަށް ލޯބިވާކަމަށް ހެދިގެން ކަމަށެވެ.  

ދޮންމަންމައަކަށް ކެތެއް ނުކުރެވުނެވެ. މީހުންގެ ކުރިމަތީގައި އޭނާގެ ނުބައިވާހަކަ ދައްކަނީކަމަށްބުނެ ކުއްޖާއަށް އެއްޗެތިގޮވަންފެށިއެވެ. އެގޮތަށް އެކަން ނުކުރަން ބުނެ އަވަށްޓެރިޔާ ނަޞީޙަތްދޭންފެށުމުން ބުނީ ގެއިން ނުކުތުމަށެވެ. އަވަށްޓެރިޔާ ބުނީ ގެއިން ނުކުންނާނީ ކުއްޖާގެ ބައްޕަ ގެއަށް އައުމުން ކަމަށެވެ. އެހެންބުނެފައި ކުއްޖާ ކުރަން އިން މަސައްކަތް ވީޑިއޯކުރިއެވެ. ވީޑިއޯ ކުރަން ފެށުމުން އަޑުގަދަކުރުން ހުއްޓައިލިއެވެ. ނަމަވެސް އެއިރުހުރީ ފުދޭވަރަށް ރެކޯޑުކުރެވިފައެވެ.  

އަވަށްޓެރިޔާ އެވަރަކުންވެސް ފުއްދައިލީއެއް ނޫނެވެ. ކުއްޖާ އެތަނުން ނަގައި އެއްވެސް މަސައްކަތެއް ނުކޮށް ހުންނަން ބުންޏެވެ. ދޮންމަންމައަކަށް ބަހެއް ބުނާކަށް ނުކެރުނެވެ. އަދި ބުނީ މިކަމާއި ނުބެހި ދިއުމުން ރަނގަޅު ހަދިޔާއެއް ދޭނެ ކަމަށެވެ. އަވަށްޓެރިޔާ ބުނީ ހަދިޔާ ބޭނުންވަނީ ﷲ ގެ ޙަޟްރަތުން ކަމަށެވެ.  

ކުއްޖާގެ ބައްޕަ މެންދުރު ގެއަށް އައުމުން އަވަށްޓެރިޔާ ވީޑިއޯ ދައްކައި ކަންކަންވީގޮތް ކިޔައިދިނެވެ. އަދި ފްލެޓުން ނުނުކުމެ އިން ސަބަބުވެސް ކިޔައިދިނެވެ. ބައްޕަ ބުނީ ދޮންމަންމަ ދަރިފުޅުދެކެ ލޯބިނުވާކަން އެނގޭކަމަށާއި ނަމަވެސް މިހިސާބަށް ކަންކަން ދިއަކަން ނުވިސްނޭކަމަށެވެ. 

އަނބިމީހާއަށް ބުނީ ކައިވެނިކުރީ ދަރިފުޅު ލޯބިން ބަލައިދޭން އެއްބަސްވުމުން ކަމަށާއި މިޙާލަތަށް ކަންކަން ދިއުމުން ގެންގުޅެން ބޭނުން ނޫންކަމަށެވެ. ވަރިކޮށްފިން ކަމަށާއި އަވަހަށް ގެއަށް ދިއުމަށެވެ. މާފުކޮށްގެން ގެންގުޅުމަކީ ރިސްކަކަށްވާތީ ދަރިފުޅާއިމެދު ރިސްކް ނަގަން ބޭނުން ނޫން ކަމަށެވެ.  

އަނބިމީހާ ގެއިން ދިއުމުން އަވަށްޓެރިޔާ ގެނެސްފައި އެދުނީ ދަރިފުޅުގެ ކަންކަން ބަލައިދިނުމަށެވެ. އެކަމަށް އުޖޫރަދޭނެ ކަމަށެވެ. އަވަށްޓެރިޔާ ބުނީ އެއްވެސް އުޖޫރައެއް ބޭނުން ނޫންކަމަށާއި ދެބަފައިންނަށް އެހީތެރިވާނެ ކަމަށެވެ. އެގުޅުމަށް މަސްދުވަސްވީއިރު ދެމީހުން ތިބީ ކައިވެނިކޮށްގެންނެވެ.

ވަރަށް ކުރުކޮށް މިކިޔައިދިނީ އަޅުގަނޑުގެ އެކުވެރިއަކަށް ތަނަވަސް އަދި އެހައިމެ ހެޔޮލަފާ ފިރިއަކު ލިބުނު ގޮތެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ކުޑަކުއްޖަކަށް އަނިޔާލިބެން ދޫކޮށްނުލާށެވެ. އެކުއްޖާއަށް އެހީތެރިވާށެވެ. ކޮންމެވެސް ސިފައެއްގައި އެމީހަކަސް މާތް ﷲ ރަޙްމަތް ލައްވަވާނެތެވެ. އެހީތެރިވެވޮޑިގަތުން ނުލިބި ނުދާނެތެވެ. އިން ޝާ ﷲ  

--އާމިނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން