އެއީވެސް ޒުވާން ދެމަފިރިއެކެވެ.
އެކުވެރިންނާއިއެކު ބޭރަށް ގޮސްލަނީކަމަށްބުނެ އަނބިމީހާ ގެއިން ނުކުމެގެން ގޮސްފައި އެނބުރި އައީ ދަންވަރު 12 ޖެހިތަނާއެވެ. އައިއިރު އޭނާގެ ފޮށިހުރީ ފްލެޓުން ބޭރުކޮށްފައެވެ. އޮތީ ނޯޓެކެވެ. "ތިއަ އުޅުނު ތަނެއްގައި އުޅެންދާށެވެ!"
އަނބިންނާއިމެދު ފިރިންނަށް މިގޮތަށް ކަންތައް ކުރެވުނު ނަމަވެސް ފިރިންނާއިމެދު އަނބިންނަކަށް މިގޮތަށް ކަންތައްކުރުން ފަސޭހައެއް ނުވާނެއެވެ. ވިސްނަންޖެހޭ އެތައް ކަމެއް ހުންނާނެއެވެ. ޚާއްޞަކޮށް ދަރިން ލިބިފައިވާނަމައެވެ. ވީމާ މިމައްސަލައަކީ ދެމީހުންވެސް ސަމާލުކަންދީގެން ޙައްލުކުރަންޖެހޭ މައްސަލައެކެވެ.
މުސްލިމުންގެ ކައިވެނި ފުރިހަމަކުރެވެނީ ފިރިހެނާގެ މައްޗަށް ވަރަށް ގިނަ ކަންތައްތަކެއް ޝަރުޠުކުރެވުމާއިއެކުގައެވެ. އަނބިމީހާއަށް އޮތީ ފިރިމީހާ ޤަބޫލުކުރުމެވެ. ކައިވެނީގެ ޚުޠުބާކިޔައި އިޤްރާރުގައި ދެމީހުން ސޮއިކޮށް ފިރިމީހާ އަނބިބަލައިގަނެ އަދި އަނބިމީހާ ފިރިމީހާ ބަލައިގަންނަން ނަގަނީ މަދު މިނިޓްކޮޅެކެވެ.
އެއީ ކިތަންމެ މަދު މިނިޓްކޮޅެއްގެ ތެރޭގައި ފުރިހަމަކުރެވޭ ކަމެއް ނަމަވެސް ފިރިމީހާ އަނބިބަލައިގަނެ އަދި އަނބިމީހާ ފިރިމީހާ ބަލައިގަންނަ ހިސާބުން ކުރީގެ ދިރިއުޅުން ނިމުމަކަށް ގެންނަން ޖެހެއެވެ. އެކުވެރިންތަކާއި ތިމާ ކުރަން ބޭނުންވާ ހުރިހާ ކަންކަމުގެ ކުރިއަށް ބައިވެރިޔާ ގެންނަން އެބަޖެހެއެވެ. މުޅިން އައު ޙަޔާތެއް ފަށަން ޖެހެއެވެ.
ބައެއްފަހަރު ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެއީ ހަމައެކަނި އަނބިމީހާ ގެންނަންޖެހޭ ބަދަލުތަކެއް ކަމަށެވެ. ކުރިންވެސް އުޅެމުން އައިގޮތަށް ފިރިމީހާއަށް އުޅެވެންޖެހޭނެ ކަމަށެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. މިބަދަލަކީ ދެމީހުންވެސް ގެންނަންޖެހޭ ބަދަލެކެވެ. ދެމަފިރިންކުރެ އެކަކު ބަދަލު ގެނެސްގެން ދިރިއުޅުން އުފާވެރިއެއް ނުކުރެވޭނެއެވެ.
ވީމާ ދެމީހުންނަށްވެސް ޖެހޭނީ ކުރިން ބުނިފަދައިން ބަދަލުތައް ގެންނާށެވެ! ކުރީގެ އެކުވެރިންތަކާއި ރަޙްމަތްތެރިންގެ ކުރިއަށް ބައިވެރިޔާގެންނާށެވެ. އެމީހުންގެ ރުހުން ހޯދަން އުޅުމުގެ ބަދަލުގައި ބައިވެރިޔާގެ ރުހުން ހޯދަން މަސައްކަތްކުރާށެވެ!
ދަންނާށެވެ! ފިރިމީހާގެ ނުރުހުމުގައި އަނބިމީހާއަށް ގެއިން ބޭރަށްވެސް ނުދެވޭ ފަދައިން އަނބިމީހާއަށް ދޭންޖެހޭ ވަޤުތު ނުދީ، އަނބިމީހާ އެކަނިކޮށްފައި، އަނބިމިހާގެ ނުރުހުމުގައި ފިރިމީހާއަށްވެސް ރޭގަނޑު ގެއިން ބޭރުގައި އުޅެވިގެންނުވާނެއެވެ. އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އިސްލާމް ދީނުގައި ޙައްޤުތަކާއި ޒިންމާތައް އޮތީ ދެމީހުންގެވެސް މައްޗަށެވެ. އުފާވެރި ޒަވާޖީ ޙަޔާތެއް ލިބެން އޮތީ ދެމީހުންވެސް ދެމީހުންގެ މައްޗަށް ހުރި ވާޖިބުތައް އަދާކޮށްގެންނެވެ.
އަނބިމީހާވެސް ވަޒީފާކުރާނަމަ ދެމަފިރިންގެވެސް ދިރިއުޅެން މަސައްކަތްކުރާ ވަޤުތު ނޫން އެހެން ވަޤުތުތައް ހޭދަކުރަންވާނީ ޒަވާޖީ ޙަޔާތަށް އެންމެ ފައިދާހުރި ގޮތަށެވެ. ސަބަބަކީ ގިނަ ކައިވެނިތައް ރޫޅިގެންދާ އެންމެ ބޮޑު ސަބަބަކީ އެކުގައި ހޭދަކުރަންޖެހޭ ވަޤުތު ހޭދަނުކުރެވުމުގެ މައްސަލަކަމަށްވާތީއެވެ.
ހަމައެކަނި މިކަންކަމަށް ފަރުވާތެރިވިނަމަވެސް ދެމީހުންގެ ދެމެގައި ޖެހޭ މައްސަލަތައް މަދުވެ ދިރިއުޅުމަށް އުފާވެރިކަމާއި ކުރިއެރުން ލިބޭނެއެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން