ބަލިވުމުން ބޭސްފަރުވާކުރިނަމަވެސް ސުންނަތުން ޘާބިތުވާންހުރި ކަންކަން ކުރަންވާނެއެވެ. ޝިފާ ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންކަމަށްވާތީއެވެ. މިޘާލަކަސް ރޯގާ ޖެހުމުން ބާމުވެސް އުނގުޅާށެވެ. އަދި މިޙަދީޘްފުޅަށް ޢަމަލުވެސް ކުރާށެވެ.
ހަމައެކަނި ރޯގާ ޖެހުމަކުން ނޫނެވެ! ކޮންމެ ބައްޔެއް ޖުހުނު ނަމަވެސްމެއެވެ.
ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނު އަހުލުންގެ ތެރެއިން ބޭކަލަކު ބަލިވެއްޖެ ކަމުގައިވާނަމަ، معوِّذات ކިޔެވުމަށްފަހު(އެބަހީ: قل هو الله أحد }{ قل أعوذ برب الفلق } { قل أعوذ برب الناس }) ފުމެލައްވައެވެ. ދެންފަހެ އެކަލޭގެފާނުގެ އަވަހާރަވުމުގެ އާލާސްކަންފުޅުގެ ތެރޭގައި، ތިމަންކަމަނާ ކިޔަވާފައި އެކަލޭގެފާނުގެ އަތްޕުޅަށް ފުމުމަށްފަހު، އެކަލޭގެފާނުގެ އަތްޕުޅު އެކަލޭގެފާނުގެ ގައިގައި ބީއްސެވީމެވެ. އެއީ އެކަލޭގެފާނުގެ އަތްޕުޅުގެ ބަރަކާތްތެރިކަމުގެ ބޮޑުކަމަށްޓަކައެވެ. [رواه البخاري]
ނޯޓު: މިއަޘަރުގައި ބޭނުންކުރެވިފައިވާ ކަލިމައަކީ: نفث ކުރުމެވެ. نفثކުރުމަކީ: އަނގައިންފުމުމެވެ. التفلއާއި نفثގެ ތަފާތަކީ التفلކުރާއިރު ކުޅުއަންނާނެއެވެ. ނަމަވެސް نفثކުރާއިރު ކުޅުއައުން އެއީ ލާޒިމުކަމެއްނޫނެވެ. އަދި نفخކުރާއިރު އެއްގޮތަކަށްވެސް ކުޅުނާންނާނެއެވެ. {ބައްލަވާ تاجالعروسمنجواهرالقاموس}
- އަލްއަޚް އަބޫ ފުޟައިލް މުއުތަމިން އަޙްމަދު