ތަޤްވާވެރިއަކު ލިބުން އެދިގެން މަސައްކަތްކުރަން އޮތްގޮތާ ކުރަންހުރި ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 12ސ
ތަޤްވާވެރިއަކު ލިބުން އެދިގެން މަސައްކަތްކުރަން އޮތްގޮތާ ކުރަންހުރި ދުޢާ!

ގިނަ ބައަކަށް ހެދޭ ގޯހަކީ ދަރިފުޅު ވަކިވަރަކަށް ބޮޑުވުމުން ތަޤްވާވެރި ހެޔޮލަފާ ކުއްޖަކަށް ހަދަން މަސައްކަތްފެށުމެވެ. މަސައްކަތްކުރުމުން އެކަންވެސް ކާމިޔާބުވާނެއެވެ. ނަމަވެސް އަހުރެމެން ވިސްނައި މަސައްކަތްކުރަންވީ އެގޮތަކަށް ނޫނެވެ.  

ކޮންމެ ދެމަފިރިއަކުވެސް ބޭނުންވާނީ ހެޔޮލަފާ ދަރިއަކު ލިބުމަށްކަމަށްވާއިރު އެކަމަށް މަސައްކަތް ފަށަންވީ ދަރިފުޅުލިބި ވަކިވަރަކަށް ބޮޑުވުމަކުން ނޫނެވެ. އެއިގެ މާކުރިންނެވެ.  

ހެޔޮލަފާ ދަރިއަކު ލިބުމަށް އެދޭމީހާ ފުރަތަމަ ކަމަކަށް ތިމާގެ ޢަމަލުތައް ސީދާކުރާށެވެ. ތަޤްވާވެރިވާށެވެ. ޙަލާލް ރިޒްކާށެވެ. ތިމާގެ އަޚްލާޤްވެސް ރަނގަޅުކުރާށެވެ.  

ޙަލާލް ރިޒްޤް ކެއުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އެހެނީ ދަރިން އުފެދެނީ މަނިންނެވެ. މަނިއުފެދެނީ ލެއިންނެވެ. ލޭއުފެދެނީ ކާތަކެތިންނެވެ. ވީމާ ޙަލާލް ގޮތުގައި ހޯދާ ރިޒުޤު ކެއުމުގެ އިތުރުން ޙަރާމްކުރެއްވެވި ތަކެތި ކައިބޮއިހަދައިގެންނުވާނެއެވެ. ޙަރާމް ތަކެތި ކެއުމާއި ބުއިމަކީ ލޭ ނަޖިސްވާނެ ކަމެވެ. 

ދެން އޮތީ ކައިވެނިކޮށް ޙަލާލްގޮތުގައި ދަރިން ހޯދަން މަސައްކަތްކުރުމެވެ. އެގޮތުން ދެމަފިރިން އެއްދާން ކުރުމުގެ ކުރިން މިދުޢާކިޔަންވާނެއެވެ!  

އެއްދާންކުރުމުގެ ކުރިން ކިޔާދުޢާ

“بِسْمِ اللهِ. اَللَّهُمَّ جَنِّبْناَ الشَّيْطاَنَ وَجَنِّبِ الشَّيْطاَنَ ماَ رَزَقْتَناَ” (رواه البخاري ومسلم)

"ﷲ ގެ އިސްމުފުޅުގެ ބަރަކާތުން (މިކަންކުރަމެވެ.) އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ޝައިޠާނާގެ ކިބައިން އަޅަމެން ދުރުކޮށްދެއްވާނދޭވެ! އަދި އިބަﷲ އަޅަމެންނަށް ދެއްވާ ދަރިންގެ ކިބައިން ޝައިޠާނާ ދުރުކޮށްދެއްވާނދޭވެ!"

(ރިވާކުރެއްވީ ބުޚާރީ އާއި މުސްލިމް) 

ދެން އޮތީ ދަރިއަކު ލިބުން ލަސްވުމެވެ. ލަސްވާނަމަ ވެސް ޞާލިޙް ދަރިއަކު ދެއްވެވުން އެދިގެންވެސް މިފަދަ ދުޢާތައްކުރާށެވެ!  

بَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا  – الفرقان: ٧٤ 

"އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހް! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ﷲ އަށް ބިރުވެތިވާމީހުންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާދޭނވެ." 

رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ- آل عمران: ٣٨ 

"އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! އިބަރަސްކަލާނގެ ޙަޟްރަތުން ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ދުޢާ އައްސަވާވޮޑިގެންވާ އިލާހެވެ." 

رَبِّ هَبْ لِي مِنَ الصَّالِحِينَ – الصافات: ١٠٠

"އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!" 

رَبِّ لَا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ- الأنبياء: ٨٩ 

"އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! މި އަޅާއަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެ ހެޔޮގޮތުގައި ވާރުތަކުރައްވާ ކަލާނގެއެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން