އަމިއްލަ އެއްވެސް ސަބަބަކާހުރެ ނަމާދު އެއިގެ ވަޤުތަށްވުރެ ފަސްކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
އަމިއްލަ އެއްވެސް ސަބަބަކާހުރެ ނަމާދު އެއިގެ ވަޤުތަށްވުރެ ފަސްކުރަން ހެޔޮނުވާނެ!

މަސައްކަތްބުރަކަމުން މެންދުރުނަމާދާ ޢަޞްރުނަމާދު ރޭގަނޑު ކުރަން ބޭނުންވާ މީހުންނަށް ބުނަންއޮތީ ތިއަ ވިސްނުން އަވަހަށް ދޫކޮށްލާށެވެ! ޢިލްމްވެރިން ވިދާޅުވަނީ މަޤްބޫލު ޢުޒުރެއް ނެތި ނަމާދު ވަޤުތުގެ ފަހުކޮޅަށް މަޑުނުކުރުމަށެވެ. ޤަޞްދުގައި ލަސްކުރުމަކީ ޙަރާމްކަމެއްކަމަށް ވިދާޅުވާ ޢިލްމްވެރިންވެސް އެބަތިއްބެވިއެވެ. އެއީ އެކަމުގެ ބޮޑުކަމުންނެވެ.  

މިއީ ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ. ކިޔަމަންތެރި އަޅުންގެ ގޮތަކީ ވަޤުތު ޖެހުމުން ނަމާދަށް އަވަސްވެގަތުމެވެ.   

ސުވާލު:

ދުވާލު މަސައްކަތުގައި އުޅޭ ވަރަށް ގިނަ މީހުން މެންދުރު ނަމާދާއި ޢަސުރު ނަމާދު އޭގެ ވަގުތުގައި އަދާނުކޮށް ރޭގަނޑަށް އެ ދެނަމާދު ފަސްކުރާތަން ފެނެއެވެ. އުޒުރަކަށް ވަނީ މަސައްކަތުގައި އަވަދިނެތި އުޅުމުގެ ސަބަބުން ވަގުތު ނުވުން ނުވަތަ ލައިގެން ހުރި ހެދުން ހަޑިވެފައި ހުރުމެވެ. މިފަދަ މީހުންނަށް ދޭން އޮތް ނަސޭހަތަކީ ކޮބައިތޯއެވެ؟  

ޖަވާބު:

އެއްވެސް މުސްލިމް ފިރިހެނަކަށް އަދި އަންހެނަކަށްވެސް، ފަރުޟު ނަމާދު އޭގެ ކަނޑައެޅިފައިވާ ވަގުތަށްވުރެ ފަސްކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އެމީހަކަށް ކުޅަދާނަވެގެންވާ ގޮތަކަށް، ކޮންމެ ފަރުޟު ނަމާދެއްވެސް އޭގެ ވަގުތުގައި އަދާކުރުމަކީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ.

މަސައްކަތުގައި އަވަދިނެތި އުޅުމާއި، ހެދުން ހަޑިވެފައި ހުރުމަކީ ނަމާދު ފަސްކުރުމަށް އޮތް އުޒުރެއް ނޫނެވެ. މަސައްކަތުގެ މައްޗަށް ނަމާދު އިސްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ފަރުޟެކެވެ. ހަމައެހެންމެ، ހެދުމުގައި ނަޖިހެއް ހުރިނަމަ އެނަޖިހެއް ސާފުކުރުމަކީ ނުވަތަ ނަމާދު ކުރުމަށްޓަކައި ސާފު ހެދުމެއް ލުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

އެއީ ނަޖިހަކަށް ނުވާނަމަ އަދި އޭގެ ސަބަބުން ނަމާދަށް ތިބޭ މީހުންނަށް އުނގަދޫވާފަދަ ނުބައި ވަހެއް ނުދުވާނަމަ، ހެދުން ކިލާވެ ހިރަފުސް ވެފައި ހުރުމަކީ، ނަމާދުކުރުން މަނާ ކުރާ އުޒުރެއް ނޫނެވެ. ނަމަވެސް، އެކިލާގެ ސަބަބުން ނުވަތަ އެއިން ދުވާ ވަހެއްގެ ސަބަބުން ނަމާދަށް ތިބޭ އެހެން މީހުންނަށް އުނދަގޫ ވާނަމަ، އެމީހެއްގެ މައްޗަށް އޮތީ، ޖަމާޢަތަށް އެރުމުގެ ކުރިން އެކިލާ ދޮވެ ސާފުކުރުމެވެ. ނުވަތަ އެހެން ސާފު ހެދުމަކަށް ބަދަލުކުރުމެވެ. ބަލިމީހެއް ނުވަތަ ދަތުރުވެރިއެއް ފަދަ މަގުބޫލު އުޒުރެއް ލިބިގެންވާ އުޒުރުވެރިއަކަށް ނަމާދު ޖަމްޢު ކުރުމަކީ ހުއްދަ ކަމެކެވެ. މެންދުރު ނަމާދާއި ޢަސުރު ނަމާދު އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢު ކުރުމާއި، މަޣްރިބް އަދި ޢިޝާ ނަމާދުވެސް މިފަދައިން ޖަމްޢު ކުރުމަކީ މިފަދަ އުޒުރުވެރިއަކަށް ހުއްދަ ކަމެއްކަން ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ޘާބިތުވެއެވެ. 

މަޞްދަރު: ފަތާވާ މުހިއްމާ ތަތަޢައްލަޤު ބިއްޞަލާތި – ފަޟީލަތުއްޝައިޚު ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ (ޞަފްޙާ 19 އަދި 20)

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން