ﷲ ގެ ރުއްސެވުން ވާޖިބުވާ ހަތަރު ޢަމަލު- ކުރަންވެސް އެހައިފަސޭހަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ﷲ ގެ ރުއްސެވުން ވާޖިބުވާ ހަތަރު ޢަމަލު- ކުރަންވެސް އެހައިފަސޭހަ!

ގިނަ ބައަކަށް ކަންކަން ކުރެވެނީ ދުނިޔެއިން ލިބިދާނެ ފައިދާއަށް ބަލައިގެންނެވެ. މިޙަދީޘްފުޅުގައިވާ ހަތަރު ޢަމަލުވެސް ކުރެއެވެ. އެކަމަކު ގިނަބައަކަށް އެކަންކަން ކުރެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުން އެދިގެންކަމާއިމެދު ހިތުގައި ސުވާލު އުފެދެއެވެ. ވިސްނުންތެރިކަމާއިއެކު މިޙަދީޘްފުޅު ވިދާޅުވެލައްވާށެވެ!  

أَبو إدريس الخولاني – رحمه الله -ވިދާޅުވިއެވެ. 

"އަހަރެން އެއްފަހަރެއްގައި ދިމިޝްޤަށް ދިޔައީމެވެ. އެހިނދު އެމިސްކިތުގައި ޒުވާނަކު އިނެވެ. އަދި އެޒުވާނާ ދަތްތައް ހުދުކަމުން ވިދާ ބަބުޅައެވެ. އަދި މީސްތަކުން އޭނާގެ ކައިރީގައި އެއްވެތިބެއެވެ. ފަހެ އެމީހުންގެ މެދުގައި މައްސަލައަކާ ޚިޔާލު ތަފާތުވެއްޖެނަމަ އޭނާއަށް އެކަން ހުށައަޅައެވެ. އަދި އޭނާގެ ރައުޔަށް ޢަމަލުކުރަމުން ގެންދެއެވެ. ފަހެ މިތަންދެކިފައި އަހަރެން އޭނާއާމެދު ސުވާލުކުރީމެވެ. އެހިނދު އަހަރެންނަށް ބުނެވުނެވެ. އެއީ مُعَاذُ بْنُ جَبَلއެވެ.  

ފަހެ އަހަރެން ޖެހިގެން އައި ދުވަހު ވަރަށް އަވަހަށް މިސްކިތަށް ދިޔައީމެވެ. އެއިރު އެކަލޭގެފާނު ހުންނެވީ އަހަރެންނަށްވުރެ މާކުރީ މިސްކިތަށް ވަޑައިގެންނެވެ. އަދި އެކަލޭގެފާނު ހުންނެވީ ނަމާދު ކުރައްވާށެވެ. އެހެން ކަމުން އެކަލޭގެފާނު ނަމާދުން އަވަދި ވަންދެން އަހަރެން އެކަލޭގެފާނަށް އިންތިޒާރުކުރީމެވެ. ދެން އެކަލޭގެފާނު ކުރިމައްޗަށް އައިސް ސަލާމްކުރީމެވެ. ދެން އަހަރެން ދެންނެވީމެވެ. "މާތްﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ހަމަކަށަވަރުން އަހަރެން ތިބާދެކެ ﷲއަށްޓަކައި ލޯބިވަމެވެ." 

ފަހެ އެކަލޭގެފާނު އެއްސެވިއެވެ. "ތިޔަހެން ތިބާ ތިޔަބުނަނީ މާތްﷲ އަށްޓަކާ ހެއްޔެވެ؟"

އަހަރެން ދެންނެވީމެވެ. "އާނއެކެވެ. މިއީ މާތްﷲ އަށްޓަކާ ބުނާބުނުމެކެވެ."  

ދެންވެސް އެކަލޭގެފާނު އެއްސެވިއެވެ. "ތިޔައީ މާތްﷲ އަށްޓަކާ ބުނާ ބުނުމެއް ހެއްޔެވެ؟"

އަހަރެން ދެންނެވީމެވެ. "އާދޭހެވެ. މިއީ މާތްﷲ އަށްޓަކާ ބުނާބުނުމެކެވެ."

 ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. "ތިބާއަށް އުފާވެރިކަމުގެ ޚަބަރު ހުށްޓެވެ. އެހެނީ ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް ތިމަން ކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.   

قَالَ الله تَعَالَى : وَجَبَتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ، وَالْمُتَجَالِسِينَ فِيَّ، وَالْمُتَزَاوِرِينَ فِيَّ، وَالْمُتَبَاذِلِينَ فِيَّ.

މާނައީ: "ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ތިމަން އިލާހަށްޓަކައި އެއްބަޔަކު އަނެއްބަޔަކަށް ލޯބިވާ މީހުންނަށާއި ތިމަން އިލާހަށްޓަކައި އެއްމަޖިލިސް ކުރާމީހުންނަށާއި ތިމަން އިލާހަށްޓަކައި އެއްބަޔަކު އަނެއްބަޔަކަށް ޒިޔާރަތްކުރާމީހުންނަށާއި ތިމަން އިލާހަށްޓަކައި އެއްބަޔަކު އަނެއް ބަޔަކަށް ހޭދަކުރާމީހުންނަށް ތިމަން އިލާހުގެ ރުއްސެވުން ވާޖިބުވެއްޖެއެވެ."  

(رواه أحمد ومالك في الموطأ وصححه الألباني)

 

- ޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު

 

މިއަދު އޮންލައިން