ދަރިންނަށް ނަންކިޔުމާއިމެދު ޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް ރަޙިމަހުﷲ ގެ ބަސްފުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދަރިންނަށް ނަންކިޔުމާއިމެދު ޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް ރަޙިމަހުﷲ ގެ ބަސްފުޅު-

މިހާރަކަށް އައިސް ކޮންމެ ކަމެއްވެސް ތިމާ ބޭނުންވާ ގޮތަކަށް ނިންމަން ބޭނުންވެ އާދައިގެ ކުދިކުދި ކަންކަންވެސް ބޮޑެތި މައްސަލަތަކަކަށް ހަދާބައަކު އުޅެއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.  

ﷲ ތަޢާލާ ދަރިއަކު ދެއްވެވުމުން އެދަރިފުޅަށް ނަންކިޔުން ފަދަ ކަންކަމުގައިވެސް ދެބަސްވެ އެބަ ޒުވާބުކުރެއެވެ. ދަރިންނަށް ކިޔާނީ މަންމަ ބޭނުންވާ ނަމެއްތޯ ނޫނީ ބައްޕަ ބޭނުންވާ ނަމެއްތޯ ވެސް ބައެއް މީހުން ސުވާލުކުރެއެވެ. ގިނަ ފަހަރު އެފަދަ ސުވާލުތައް ކުރެވެނީ އެކަކު އަނެކަކަށް ގޮތްދޫނުކުރީމައެވެ.   

މަޢުލޫމާތަށްޓަކައި މިކަމުގައި ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله ވިދާޅުވެފައިވާ ބަސްފުޅު ހާމަކޮށްލާނަމެވެ.   

"ދަރިފުޅުގެ ބައްޕަ ދުނިޔޭގައި ހުރިނަމަ އެކަމަށް އެންމެ ޙައްޤުކަން ބޮޑީ އޭނާއެވެ. އެކަމުގައި ދެމަފިރިން ވާގިވެރިވެ މަޝްވަރާކޮށް [މާނަ] ރިވެތި ނަމެއް އިޚްތިޔާރުކުރުމަކީ އެދެވިގެންވާ ކަމެކެވެ. ފަހެ ބައްޕަ ދުނިޔޭގައި ނުވާނަމަ، [އެކަމަށް އެންމެ ޙައްޤުކަން ބޮޑީ] އެކުއްޖާގެ ވަލީވެރިންކުރެ އެންމެ ދޮށީ މީހާއެވެ. 

ފިރިހެން ކުދިންނަށް ކިޔުން އެންމެ މޮޅު އިތުރު ނަންތަކަކީ ޢަބްދުﷲ، ޢަބްދު الرحمن، ޢަބްދު الملك ، ޢަބްދު الكَرِيْم މިފަދައިން ﷲ އަށް އަޅުވެތިވެގެންވާކަން ދޭހަވާފަދަ ނަންތަކެވެ.  

އަންހެން ކުދިންނަށް ކިޔުމަށް އެންމެ މުނާސަބީ އަންހެން ޞަޙާބީ ބޭކަނބަލުންނަށާއި އެއަށްފަހު ވަޑައިގެންނެވި ޞާލިޙު މުއުމިނު ކަނބަލުންނަށް ކިޔާފައިވާ ރަނގަޅު ނަންތަކެވެ. 

ހުތުރު މާނައެއް ހިމެނޭ ނަންތަކާއި ޖާހިލިއްޔަ ޒަމާނުގެ ކާފިރު ފިރިހެނުންނަށާއި އަންހެނުންނަށް ކިޔައި އުޅުނު ނަންތަކެއް ނޫނެވެ. މުސްލިމުން ކިޔާއުޅޭ ރިވެތި ނަންތައްކަމުގައި ބެލެވޭ ނަންތައް ކިޔުމީ މިކަމުގައި އެދެވިގެންވާ ގޮތެވެ. 

ޢަބްދު الحُسَيْن ނުވަތަ ޢަބްދު النَّبِيِّ ނުވަތަ ޢަބްދު الكَعْبَة ފަދައިން، ﷲ ނޫން ފަރާތަކަށް އަޅުވެތިކަން ދޭހަވާފަދަ ގޮތަކަށް ކިޔޭ ނަންތަކާމެދު ދަންނައެވެ. ފަހެ އެއީ ހުއްދަކަމެއް ނޫނެވެ. 

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله

- ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ

މިއަދު އޮންލައިން