މާލެ، ދިވެހިރާއްޖެ: ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ރަށު ކައުންސިލްތައް ގުޅިގެން އިންތިޒާމުކުރާ ފަރުމަސްވެރިކަމުގެ ބޮޑު މުބާރާތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މުބާރާތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސަގާފަތް ދިރުވައި އާލާކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި މާލޭ ސަރަހައްދުން 18 ޓީމަކުން 190 މީހުން ބައިވެރިވެއެވެ. މީގެ އިތުރުން ރާއްޖޭގެ 64 ރަށަކުން 91 ޓީމު މި މުބާރާތުގައި ވާދަކުރެއެވެ.
މަސްރޭހުގެ ބައިވެރިން މިއަދު މެންދުރުފަހު 3:30 ގައި މަހަށް ފުރާފައިވާއިރު، ބައިވެރިވާ ޓީމުތައް އެނބުރި އައުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ. މި މުބާރާތުގައި ޕޮއިންޓް ދިނުމުގައި ބަލާނީ ބާނާ މަހުގެ ބާވަތަށާއި ބަރުދަނަށް ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.
މި މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން:
އެއްވަނަ ޓީމަށް: 30,000 ރުފިޔާ ދެވަނަ ޓީމަށް: 25,000 ރުފިޔާ ތިންވަނަ ޓީމަށް: 20,000 ރުފިޔާ އެންމެ ބަރު މަސް ބާނާ ފަރާތަށް: 5,000 ރުފިޔާ
މީގެ އިތުރުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން މާލެ ސަރަހައްދުގެ ވަނަތަކަށް ހާއްސަ އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުން އެއްވަނައަށް 15,000 ރުފިޔާ، ދެވަނައަށް 10,000 ރުފިޔާ، ތިންވަނައަށް 5,000 ރުފިޔާ އަދި އެންމެ ބަރު މަސް ބާނާ ފަރާތަށް 2,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މައިގަނޑު ސްޕޮންސަރުންގެ ތެރޭގައި ބެންކް އޮފް މޯލްޑިވްސް، އެޗްޑީސީ، މިފްކޯ، ސަން އިންޓަނޭޝަނަލްސް، ހޮރައިޒަން ފިޝަރީޒް، ލިލީ އިންޓަނޭޝަނަލްސް، އޯޝަން ވޯރިއާސް، އެމްޕީއެލް އަދި ދިރާގު ހިމެނެއެވެ.
ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހެނދުނު 9:00 އިން ހަވީރު 5:30 އަށް ހުޅުމާލޭ ދިރާގު ބީޗުގައި "އޯޝަން ފެސްޓިވަލް" ގެ ނަމުގައި ހާއްސަ ފެސްޓިވަލެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.