ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 15،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 15،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގަނެފި


މާލެ، ދިވެހިރާއްޖެ - ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 15،601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ. މިއީ ރާއްޖެއަށް ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް އެތެރެކުރުން މަނާކުރި ފަހުން މިހާތަނަށް އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ.

ކަސްޓަމްސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި ޝިޕްމަންޓެއްގައި ޤާނޫނާއި ޤަވާއިދާ ޚިލާފު ތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން، މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

މި ފަހަކަށް އައިސް ވޭޕް އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އެކަނިވެސް ތިން އޮޕަރޭޝަނެއް ހިންގާފައިވާއިރު، މި އޮޕަރޭޝަންތަކުން ޖުމްލަ 22،309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ބޭނުންކުރުމާއި، ވިޔަފާރިކުރުން މަނާކުރުމަށް ނިންމަވައި، އެކަމާ ގުޅޭ ޤާނޫނުތަކަށް އިޞްލާޙު ގެންނަވާފައެވެ. މިއީ ދިވެހި މުޖުތަމަޢުގެ، ޚާއްޞަކޮށް ޒުވާނުންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

ކަސްޓަމްސްއިން ބުނީ، އަތުލައިގަނެވުނު މި ވޭޕް ކާޓްރިޖްތަކުގެ މައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. ޤާނޫނާ ޚިލާފަށް ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަންވެސް އެ އިދާރާއިން ވަނީ ދީފައެވެ.

މިއަދު އޮންލައިން